މަސްތުވާތަކެތީގެ މައްސަލައެއްގައި ހަތަރު މީހުން ހައްޔަރުކޮށް، ޝަރުތުތަކަކާއެކު އެކަކު ދޫކޮށްލައިފިއެވެ.
މަސްތުވާތަކެތީ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެ ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ މާލެއިންނެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާލެއާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަަލައިފާސް ކުރުމަށްފަހުގައެވެ.
ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ ދެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 111.08 ގުރާމުގެ ތަކެއްޗާއި ފަސް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފައެވެ. އަދި މ. އާރު، މާލެ / މުޙައްމަދު ލަޔާން އަޙްމަދު (21އ) އާއި ކޮކާހަނދުވަރު، މ. މުލައް / ޢަލީ ނާޘިމް (40އ) ހަތް ދުވަހަށް ބަންދުކުރަން އަމުރު ކުރުމުގެ އިތުރުން އެމީހުންނާއެކު އުޅުނު މ. މޯނިންގވިޔު، މާލެ / ޢަލީ ނާވީ ނިޔާޒު (23އ) ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.



