ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ކޮންމެ ދުވަހަކު އެވުރެޖުކޮށް 28 ކުޑަކުދިން ޝަހީދު ކުރަމުންދާ ކަމަށް (އދ) އިން ހާމަކޮށްފިއެވެ.
އދގެ ކުޑަކުދިންނާ ބެހޭ ފަންޑު (ޔުނިސެފު)ން ހާމަކުރި ގޮތުގައި، ބޮންއަޅައިގެން ޝަހީދު ކުރުމާއި، މެލްނިއުޓްރިޝަނާއި ހައިހޫނުގައި ޖައްސައިގެން ޝަހީދު ކުރުމާއި، އެހީއާއި ޒަރޫރީ ޚިދުމަތްތަކުން މަޙްރޫމު ކޮށްގެން ޝަހީދު ކުރުން ހިމެނޭ ގޮތަށް، ޣައްޒާގައި ކޮންމެ ދުވަހަކު އެވުރެޖުކޮށް 28 ކުޑަކުދިން ދަނީ ޝަހީދު ކުރަމުންނެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު ފެށުނު ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން މިހާތަނަށް 18,000 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް އދގެ އިދާރާތަކުން ހާމަކޮށްފައިވެއެވެ. މިއީ ކޮންމެ އެއް ގަޑިއިރެއްގެ ތެރޭގައި މައުސޫމު އެއް ކުއްޖެއްގެ ފުރާނަ ދަނީ ގެއްލެމުންނެވެ.
ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މުޅި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޖުމުލަ އަދަދު 60,933 އަށް އަރައެވެ. އޭގެ ތެރޭގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޝަހީދުވި އަށް މީހުންނާއި، ކާބޯތަކެތި ނުލިބިގެން ބަނޑަށްޖެހިގެން ޝަހީދުވި 188 މީހުން ހިމެނެއެވެ. މި 188 މީހުންގެ ތެރޭގައި 94 ކުޑަކުދިން ހިމެނެއެވެ.
ޔަހޫދީން މާރިޗު 2 ވަނަ ދުވަހު ޣައްޒާގެ ފުރަބަންދު އިތުރަށް ހަރުކަށިކޮށް، މިހާރު ދުވާލަކު 86 ލޮރީގެ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދެމުން ދިޔަ ނަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނެފައިވަނީ ދުވާލަކު 600 ލޮރީގެ ސާމާނު އެތެރެ ނުކުރެވޭނަމަ، އެ ސަހަރުގެ ރައްޔިތުން ހައިހޫނުގައި ޖެހޭނެ ކަމަށެވެ.
ޣައްޒާ ޢުދުވާން ހުއްޓައިލުމަށް އދގެ އިތުރުން ބައިނަލްއަޤްވާމީ 150 ޖަމުޢިއްޔާއަކުން ގޮވައިލާފައިވީ ނަމަވެސް، އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީން ދަނީ ޢުދުވާން އިތުރަށް ފުޅާކޮށް، ޣައްޒާއަށް ވެރިވެގަނެ، އެ ސަހަރުގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުން އަޅުވެތި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.




