ކައުންސިލުތަކުގެ އާމްދަނީ އިތުރުކޮށް، ރަށްރަށުގެ އިޤްތިޞާދު ތަރައްޤީކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާ ދެމެދު މުހިންމު މަޝްވަރާތަކެއް މިއަދު ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ބޭންކިންގ ސިސްޓަމްގެ ތެރެއިން ކައުންސިލުތަކަށް ފައިނޭންސް ލިބޭނެ ގޮތް ފަހިކޮށްދިނުމާއި، އަތޮޅު ފިހާރަތަކުން ލިބޭ ކުލި ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލުތަކަށް ޖަމާކުރުމުގެ މައްސަލަ މަޝްވަރާކުރެވުނެވެ.
އަދި ކައުންސިލުގެ ބްލޮކް ގްރާންޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ 5 އިންސައްތަ، ހަމައެކަނި އެ ކޮމިޓީގެ ހަރަކާތްތަކަށް ޚާއްޞަކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައިރު، ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފާސްކޮށްފައެވެ. މި އިޞްލާޙުގެ ދަށުން، ކައުންސިލްގެ ދައުރު ހަމަވާން އަހަރަކަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، މާލީ ކަންކަމާ ގުޅޭ ބައެއް ނިންމުންތައް ނިންމޭނީ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
އިޞްލާޙުގައި ހިމެނޭ އެހެނިހެން މުހިންމު ބަދަލުތަކުގެ ތެރޭގައި، ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ އެ ރަށެއްގެ އަމިއްލަ ވިޔަފާރިތަކާ ވާދަވެރި މަސައްކަތަކަށް ނުވުމާއި، އެ މަސައްކަތުގެ އިންވެސްޓްމަންޓް 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާންޖެހޭނެކަން ހިމެނެއެވެ.
މީގެއިތުރުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ކުލި ނެގުން މަނާކުރުމާއެކު، ކައުންސިލުތަކަށް ބްލޮކް ގްރާންޓް ދޭ އުސޫލަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްވެސް ވަނީ މަޝްވަރާކުރެވިފައެވެ.



