ލ. މާވަށުގައި ވަޅިން ހަމަލާދީ މަރާލި އެ ރަށު ނަލަހިޔާ / މޫސާ އިބްރާހިމް (29އ.)ގެ އޯޓޮޕްސީއެއް ހަދަން އޭނާގެ ހަށިގަނޑު އިއްޔެ އިންޑިއާއަށް ފޮނުވާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ކުރިން ވިދާޅުވީ، މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާކަމުގެ މައުލޫމާތު މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި ކަމަށެވެ.
މި ހަމަލާދީ މަރާލާފައިވަނީ މޫސާ ރަޝީދެވެ. އޭނާއަށް ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މޫސާ ރަޝީދުގެ މަރާ ގުޅިގެން ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ކުރުމަށް އޭނާގެ ހަށިގަނޑު މާލެ ގެނައީ ޖުލައި 29ވަނަ ދުވަހުގައެވެ.
މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މޫސާ އިބްރާހިމްގެ އޯޓޮޕްސީއެއް ހަދަން ނިންމާފައިވާ ކަމަށާއި އެކަމަށްޓަކައި އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިއްޔެ އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މިހާތަނަށް ބެލިބެލުމުން މި ހަމަލާއަކީ ދެމީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށާއި މި މައްސަލައިގެ ތުހުމަތުގައި ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް / މުޙައްމަދު އިބްރާހިމް (29އ.) އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ހައްޔަރު ކޮށްފައިވާ މުޙައްމަދު އިބްރާހިމްއަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް ކަމަށާއި ހަމަލާދޭން އޭނާ ބޭނުންކުރި ވަޅިވެސް އިއްޔެ މޫދުން ހޯދާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ހައްޔަރުކުރި މުޙައްމަދު އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީޢަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
އެނގިފައިވާ ގޮތުގައި މޫސާ އިބްރާހިމްއަށް ހަމަލާ ދިނުމަށްފަހު، މުޙައްމަދު އިބްރާހިމް ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެ، ހަމަލާދޭން ބޭނުންކުރި ވަޅި އެއްލާލި ތަންވެސް އަމިއްލައަށް ބުނެދީފައެވެ. ފުލުހުން އެ ވަޅި ހޯދާފައިވަނީ މޫދު އަޑިންނެވެ.



