ރާއްޖެ އަށް މިހާރު ކުރިމަތިވެގެން މި އުޅޭ މާލީ ދަތިކަމުގެ ޒިންމާ އިދިކޮޅު އެމްޑީޕީން ނަގަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދާދިފަހުން ވިދާޅުވުމުން، އެކަން ރައްޔިތުންނަށް ސާފުކޮށްދޭން ކަމާގުޅޭ ބޭފުޅުންނާއެކު ބަހުސަކަށް ވަޑައިގަތުމުގެ ދައުވަތު އެމްޑީޕީގެ ޗެއާޕަރސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަރުވައިފިއެވެ.
އެމްޑީޕީގެ ފަރާތުން ރޭގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދީ، ރައްޔިތުންގެ ޕްރެޝަރު ބޮޑުވާ ކޮންމެ ފަހަރަކު، އޮޅުވައިލުމުގެ ބޭނުމުގައި އެމްޑީޕީ ސަރުކާރާ ގުޅުވައި ވާހަކަތައް ދައްކަމުންދާ ކަމަށެވެ.
”އަޅުގަނޑު މިއަދުގެ އިކޮނޮމިކް މިނިސްޓަރަށް އަދި މާލީ ވަޒީރަށް މި ގޮވާލަނީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގެން، އަޅުގަނޑާއި އަޅުގަނޑުމެންގެ ކުރީގެ ފައިނޭންސް މިނިސްޓަރާ އެކީ ދަރަނީގެ ވާހަކަ ވަރަށް ރަނގަޅަށް ދައްކާލަން ވަޑައިގަންނަވާށޭ،“ ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާރު ވަނީ އެމްޑީޕީގެ ފަރާތުން ވަރަށް ސާފުކޮށް ދަރަނީގެ ވާހަކަ ދައްކާނެ ކަމަށާއި އެހެންކަމުން ކެރިވަޑައިގަނެގެން ބަހުސަށް ވަޑައިގަތުމަށް ގޮވާލައިފައެވެ.




