ހދ. ކުޅުދުއްފުށިން ދަތުރުކުރި ސަޕްލައި ދޯންޏެއް ބަންޑުން ޖަހާލި ހާދިސާގައި، އޭގައި ދަތުރުކުރި އެކަކު ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކުޅުދުއްފުށިން ށ. ފުނަދޫއަށް ހަތަރު މީހުންނާއެކު (2 ދިވެހިންނާއި 2 ބިދޭސީންނާއެކު) ދަތުރުކުރި ސަޕްލައި ދޯންޏެއް ކުމުންދޫ ކައިރިން ބަންޑުން ޖަހާލާފައިވާކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:55 ހާއިރު ލިބިފައިވާ ކަމަށެވެ.
އެއީ ޖަމްބޯ ބޭގްތަކެއް އަރުވައިގެން ދިޔަ ސަޕްލައި ދޯންޏެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެ ދޯނިން ދަތުރުކުރި 4 މީހުންވެސް ސަލާމަތްކޮށް ކުޅުދުއްފުއްޓަށް ގެންދިޔަ ކަމަށާއި ނަމަވެސް އޭގެތެރެއިން އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެއް ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، 10:30 ހާއިރު އެމީހާ ނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.




