އިސްރާއީލުން ޣައްޒާއަށް ދިން ރޮކެޓް ހަމަލާއެއްގައި ފަލަސްތީނުގެ އަލްޒަވައިދާ ޓީމުގެ ކުޅުންތެރިއެއް ކަމުގައިވާ ޔޫސުފް އަބޫ ޒަޔަދުގެ ފައި ބުރިވެ، އެތައް އަނިޔާތަކެއް ލިބިއްޖެއެވެ.
އުމުރުން 31 އަހަރުގެ ޔޫސުފް، ރައްޓެހިންނާއެކު ފުޓްބޯޅަ ކުޅުމަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުގެ ހަމަލާ އަމާޒުވި އިރު، އޭނާއާއެކު ކުޅުމަށް ތައްޔާރުވަމުން ދިޔަ އޭނާގެ ދެ ރަހުމަތްތެރިން ވަނީ ޝަހީދުވެފައެވެ.
މި ހަމަލާގައި ޔޫސުފްގެ ކަނާތު ފައި ކަކުލުގެ މަތިން ބުރިވުމުގެ އިތުރުން، ކަނާތު އަތުގެ އިނގިލިތަކަށްވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
”އަހަރެންނަކީ މިހާރު އެއްފައިން އުޅޭ މީހެއް، މި ލިބުނު އަނިޔާގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެއްޖެ، އަހަރެން ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ވުމުގެ އިތުރުން އަހަރެންގެ ގާތް ދެ އެކުވެރިންވެސް އުމުރަށް ގެއްލުނީ،“ ޔޫސުފް ބުނެފައިވެއެވެ.
ޔޫސުފްގެ ބުރަކައްޓާއި ވާތު ފަޔަށްވެސް ވަނީ އަނިޔާވެފައެވެ. އަދި ވާތު ފައިގައި ލޭ ގަނޑުވެފައިވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ފަލަސްތީނުގެ ކުޅިވަރުގެ ގިނަ ތަރިންތަކެއް ވަނީ ޝަހީދުކޮށްލާފައެވެ.
މީގެ އިތުރުން ގިނަ ކުޅިވަރު ކުޅުންތެރިން ހާއްސަ އެހީއަށް ބޭނުންވާ ހާލަތަށް ގޮސް، އެ މީހުންގެ ހުރިހާ އުންމީދެއް ވަނީ ފުނޑުފުނޑުކޮށްލާފައެވެ.



