ފަލަސްތީނުގެ ޣައްޒާގައި ބަނޑަށް ޖެހިގެން ދުނިޔެ ދޫކުރި ރައްޔިތުންގެ އަދަދު 200 އަށް އަރައިފިއެވެ.
ޣައްޒާގެ އެކި ސަރަހައްދުތަކަށް ބޮން އެޅުމުގެ އިތުރުން، އިސްރާއީލުން ދަނީ އެކި ގޮތްގޮތުން ޣައްޒާއަށް އެހީތައް ވަނުން ހުއްޓުވަމުންނެވެ.
ދިގު މުއްދަތަކަށް ޣައްޒާއަށް އެހީ ވަނުން ހުއްޓުވާފައި އޮތުމަށްފަހު، ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން މިހާރު އެހީ ވަދެ، އެ އެހީތައް ލިބެނީ މަދު ބަޔަކަށެވެ. އެންމެ އެކަށީގެންވާ މީހުންނަށް އެހީ ނުލިބި، އެތައް ހާސް ބަޔަކު ދިރިއުޅެމުން ދަނީ ވަރަށް ހާލުގައެވެ.
މެޑިކަލް އޮފިޝަލުން މަޢުލޫމާތު ދޭ ގޮތުގައި، އިސްރާއީލުން ޣައްޒާއަށް ހުރަސް އެޅުމުގެ ސަބަބުން އުފެދިފައިވާ ސިއްހީ މައްސަލަތަކާއި ބަނޑުހައިހޫނުކަމުގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުވެފައިވެއެވެ. މިއާއެކު ބަނޑުހައިހޫނުކަމާއި ހަށިގަނޑަށް ގެއްލުންވުމުގެ ސަބަބުން ދުނިޔެ ދޫކުރި މީހުންގެ ޖުމްލަ އަދަދު 201 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 98 މީހުންނަކީ ކުޑަކުދިންނެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު ދަނީ ޣައްޒާއަށް ވައިގެ މަގުން އެހީ ފޯރުކޮށްދެމުންނެވެ. ނަމަވެސް ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު ބޭސަލް މަހްމޫދު ވިދާޅުވީ، ވައިގެ މަގުން އެހީ ދިނުމަކީ އާންމުންނަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.
މި ހާލަތުގެ ސަބަބުން ޣައްޒާގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ފަރުވާ ހޯދުމަށް ހޮސްޕިޓަލުތަކަށް ދާއިރު، ކާނާ ނުލިބި އެތައް ބަޔަކު ދަނީ ދުނިޔެ ދޫކުރަމުންނެވެ.
އިސްރާއީލުން އޮކްޓޯބަރު 7، 2023 އިން ފެށިގެން ޣައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމުގެ ސަބަބުން އެންމެ ބޮޑު ނިކަމެތިކަމެއް ލިބިފައިވަނީ ކުށެއް ނެތް އާންމު ރައްޔިތުންނަށެވެ.




