ދަރިވަރުންގެ އަޚުލާގަށް ގޯސްކަމެއް އަތުވެއްޖެނަމަ، ކިޔެވި ކިޔެވުމާއި ހޯދާ މެޑެލްތަކުގެ އަގެއް ނޯންނާނެކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް ރޭގައި ވިދާޅުވެއްޖެއެވެ.
ކިނޮޅަހުގައި ބޭއްވި ސަރުނަވެރިންގެ ހަފުލާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި އަޝްރަފް ވިދާޅުވީ، މިފަދަ ހަފުލާތަކުގައި ދަރިވަރުންނަށް ލިބޭ ހަނދާނީ ފިލައަކީ ގެއަށް ގެންގޮސް ބާއްވާ ރީތި ހަނދާނެއްކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި މިފަދަ ހަނދާނީ ފިލާތައް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި މިއީ ވަރަށް އަގުބޮޑު އެއްޗެއްކަމަށް ދިވެހިބަހުގެ އެކެޑެމީގެ ރައީސް ވިދާޅުވިއެވެ.
މިފަދަ އަގުވަޒަންކުރުންތަކުގެ ސަބަބުން އިންސާނާގެ އަޚުލާގަށް ހެޔޮ ބަދަލުތައް އަންނަކަމަށާއި އަޚުލާގު ގޯސްވެއްޖެނަމަ، ކިޔަވާ އެއްވެސް ކިޔެވުމަކާއި ހޯދާ އެއްވެސް މެޑެލްއެއްގެ އަގެއް ނޯންނާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
”ކޮންކަހަލަ އަޚުލާގެއް؟ ގަޑިއަށް ސަމާލުވުން، ފަރުވާތެރިވުން، މައިންބަފައިންނަށް ކަމޭހިތުން، ވެރިންނަށް ކަމޭހިތުން، އިންސަނާ އެއީ އަނެއް އިންސާނާކަން ދަނެ، އަނެއް އިންސާނާއަށް ކަމޭހިތުން“ އަޝްރަފް ވިދާޅުވިއެވެ.
މީގެއިތުރުން މިފަދަ ކަންކަން ހަށީގައި އަށަނުގަންނަހާ ހިނދަކު މުޖުތަމައު އިސްލާހު ނުވާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.



