ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
އެމަނިކުފާނު ތަހުނިޔާ ފޮނުއްވާފައިވަނީ، ސިންގަޕޫރުގެ ޤައުމީ ދުވަހާއި ގުޅިގެން ”އެކްސް“ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގް އަދި ރައްޔިތުންނަށް ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާ ވަނީ ފޮނުވާފައެވެ. އަދި ރައީސް ވަނީ ސުލްހަމަސަލަސްކަމާއި ފާގަތިކަމަކީ ސިންގަޕޫރުގެ ކުރިއެރުމުގެ މުހިންމު ސިފައެއްކަން ފާހަގަކުރައްވާ، އެގޮތުގައި އަބަދުވެސް ދެމިއޮތުމަށް އެދިވަޑައިގަންނަވާފައެވެ.
މީގެއިތުރުން، ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން މިހާރު އިތުރަށް ބަދަހިވެ، ދެ ޤައުމަށް ފައިދާ ކުރަނިވި ގުޅުމަކަށް ބަދަލުވެގެން ގޮސްފައިވާކަން ރައީސް މުޢިއްޒުގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.
ސިންގަޕޫރުގެ ޤައުމީ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ އިރު، ދާދި ފަހުން އެމަނިކުފާނު ވަނީ އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދައުވަތަކަށް ސިންގަޕޫރަށް ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަތީ ފަންތީގެ ގިނަ މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.




