މާލޭގެ ކާނިވާ ސްޓޭޖުގެ ފުރާޅުން ހަލާކުވެފައި ހުރި ބައިތައް ނަގައި، އެތަން ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ އެ މަސައްކަތް ފަށާފައިވަނީ، ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށްޓަކައި ކަމަށެވެ.
އެ މަސައްކަތާ ގުޅިގެން ސިޓީ ކައުންސިލުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ސްޓޭޖުގެ ފުރާޅުން ބައެއް މިހާރުވެސް ވަނީ ނަގާފައެވެ. އަދި އެތަނުގެ ބޮޑުބައެއް މިހާރުވަނީ ސާފުވެސް ކޮށްފައެވެ.
ރައްޔިތުންނަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ކުރުމަށް ކާނިވާ ސްޓޭޖުގެ ފުރާޅު ނަގައި، އެތަން ސާފުކުރަން ފަށާފައިވަނީ، ވައިގަދަ ދުވަސްތަކުގައި ބައެއް ތަންތަނުގެ ފުރާޅު އެއްލާލުމުގެ ހާދިސާތައް ދިމާވެފައިވާތީއެވެ.
އެގޮތުން މިދިޔަ ހަފުތާގައި މޫސުން ގޯސްވެ ވައިގަދަވި ވަގުތެއްގައި ކާނިވާ ސްޓޭޖުގެ ފުރާޅު ވެސް ވަޔާ ހެލޭ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށް، ސޯޝަލް މީޑިއާގައި މީހަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މީގެ ކުރިން ވެސް ފުރާޅުން ބައެއް ވަޔާ އެއްލާލި ކަމުގެ ކަންބޮޑުވުން މީހަކު ފާޅުކުރިއެވެ.



