ތުރުކީން ހަދިޔާކުރާ އަސްކަރީ މަނަވަރު ރާއްޖެއަށް ގެނެސްފިއެވެ.
ޓީސީޖީ ވޮލްކަން (ޕީ-343)ގެ މި މަނަވަރަކީ ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.
އެނގިފައިވާ ގޮތުގައި މި މަނަވަރު މިހާރު އޮތީ މާލެ ސަރަހައްދުގައެވެ. އަދި އަންނަ ހަފުތާގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި މި މަނަވަރު އިފްތިތާހުކުރާނެ ކަމަށްވެއެވެ.
ތުރުކީގެ އަސްކަރީ އުޅަނދުތަކުގެ މައުލޫމާތު ޝާއިއުކުރާ ވެބްސައިޓުގައިވާ ގޮތުން އެ ގައުމުން ހަދިޔާކުރާ މަނަވަރަށް މިއީ 45 ވަނަ އަހަރެވެ. ނަމަވެސް މަރާމާތުތަކަށް ފަހު، ޓެސްޓް އަދި ތަމްރީނު އުޅަނދެއްގެ ގޮތުގައި މިދިޔަ އަހަރު އެ މަނަވަރު ވަނީ އަލުން ގިންތިކޮށްފައެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ތުރުކީން އެ މަނަވަރު ހަދިޔާކުރަން ނިންމީ ރާއްޖޭގެ އަސްކަރީ ގާބިލްކަން އިތުރުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ކަމަށެވެ.



