ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލްކުރަނިވި މާހައުލެއްގައި ތަމްރީން އަދި ހުނަރު ދަސްކޮށްދިނުމަށް ތަރައްޤީކުރާ ”އެމްޕަވަރމަންޓް ހަބް“ގެ މަސައްކަތް މިއަންނަ ޑިސެމްބަރު މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި އެ މިނިސްޓްރީގެ ފަރާތުން ވަނީ އެމްޕަވަރމަންޓް ހަބް ތަރައްގީ ކުރުމަށް ކުރާ މަސައްކަތާ ގުޅޭގޮތުން އެންމެ ފަހުގެ އަދާހަމަތައް ހިއްސާ ކޮށްފައެވެ.
މި އެމްޕަވަރމެންޓް ހަބްއަކީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ، ޚާއްސައެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ތަރައްޤީކުރާ މަސައްކަތެކެވެ.
އެގޮތުން މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުސަތުތައް ހޯދައިދިނުމުގެ މަގުސަދުގައި ތަރައްޤީކުރާ ތަނެއް ކަމުގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.




