ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 133 ރަށެއްގެ ފެނުގެ ނިޒާމު އަދި 146 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މި މަޢުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގައި، ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަޖުވަދު މުޞްޠަފާ ވިދާޅުވި ގޮތުގައި މިވަގުތު 56 ރަށެއްގައި ފެނުގެ ނިޒާމު އަދި 43 ރަށެއްގައި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
”މި ޤާނޫނުގައި ތަޞައްވުރުކޮށްފައި އިން 5 އަހަރު ދުވަހަކީ ޚިދުމަތެއްގެ ގޮތުގައި މި ސިސްޓަމްތައް ޤާއިމުކޮށް ދިނުން. މީހުން ދިރިއުޅޭ ރަށެއްގައި ވެއްޖެއްޔާ އަބަދުވެސް ޚިދުމަތް އަޕްގްރޭޑް ކުރަންޖެހޭނެ،” އަޖުވަދު ވިދާޅުވިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޢާރިފް ވިދާޅުވި ގޮތުގައި އެ ކުންފުނިން 98 ރަށުގެ ފެނާއި ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދެއެވެ.
އަދި 2027 ވަނަ އަހަރުގެ ނިޔަލަށް ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށާއި، 2028 ވަނަ އަހަރަށް އަޕްގްރޭޑިންގ މަސައްކަތްތައްވެސް ނިންމާލެވޭނެ ކަމަށް އާރިފް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން ހަމަޖައްސަންވާނެ ކަމަށް ބަޔާންކޮށްފައެވެ.



