ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކުރާ ’ޕަލަސްޓަޔިން އެކްޝަން‘ އަށް ތާއީދުކޮށް ލަންޑަންގެ މަގުތަކަށް ނުކުތް 466 މީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މުޒާހަރާ ބޭއްވީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން ’ޕަލަސްޓަޔިން އެކްޝަން‘ މަނާކުރި ނިންމުމާ ދެކޮޅަށާއި، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކުރުމުގެ ގޮތުންނެވެ.
’ޕަލަސްޓަޔިން އެކްޝަން‘ އަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލާ ޖަމުއިއްޔާއެކެވެ. މި ޖަމުއިއްޔާ މަނާކުރީ މިދިޔަ ޖުލައި މަހުގައި، އެ ގުރޫޕަށް ނިސްބަތްވާ ބަޔަކު އިނގިރޭސިވިލާތުގެ އަސްކަރީ ވައިގެ މަރުކަޒަކަށް ވަދެ، އަސްކަރީ މަތިންދާބޯޓުތަކަކަށް ގެއްލުން ދިނުމާ ގުޅިގެންނެވެ.
ލަންޑަންގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރީގައި ބޭއްވި މުޒާހަރާގައި ބައިވެރިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅު ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. މުޒާހަރާ ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކުރިއިރު، ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި މުޒާހަރާއާ ގުޅުންނެތް އެހެން ކުށްތަކުގެ ތުހުމަތުގައި އަށް މީހަކު ހިމެނެއެވެ. އަދި ފުލުހުންނަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފުލުހުންގެ އެކަކަށް އަނިޔާވިއެވެ.
’ޕަލަސްޓަޔިން އެކްޝަން‘ އަށް ތާއީދުކުރުމަކީ މިހާރު އިނގިރޭސިވިލާތުގައި 14 އަހަރުގެ ޖަލު ހުކުމަކާ ކުރިމަތިލާންޖެހޭ ކުށެކެވެ. ނަމަވެސް، މި ޖަމުއިއްޔާގެ ބާނީން ދަނީ އެ ނިންމުމާ ދެކޮޅަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް މަސައްކަތްކުރަމުންނެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް ޣައްޒާގައި 61،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.



