ޣައްޒާގައި ބަކީ ހުރި ހަމާސްގެ ސަރަހައްދުތަކަށް އިސްރާއީލުން ހަމަލާ ދޭނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖެމިން ނަތަންޔާހޫ ބުނެފިއެވެ.
ބޭރުގެ މީޑިއާތަކާއެކު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަތަންޔާހޫ ބުނެފައިވަނީ ހަމާސް ހަނގުރާމަ ހުއްޓާލުމަށް ދެކޮޅުހަދާތީ އިސްރާއީލަށް މި ހަނގުރާމަ ކުރިއަށްގެންދިއުން ނޫން ގޮތެއް ނެތް ކަމަށެވެ.
މިގޮތުން އިސްރާއީލުން ހަމާސްގެ ބަކީ ހުރި ދެ ސަރަހައްދަށް ހަމަލާދޭނެ ކަމަށް އޭނާ ބުނެފައިވެއެވެ. މި ދެ ސަރަހައްދަކީ ޣައްޒާގެ މެދުތެރޭގައި އޮންނަ ބިމެއް ކަމަށާއި، އެއީ ރެފިއުޖީންގެ އެކި ކޭމްޕްތަކާއި އަލްމަވާސީ ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންދާ ސަރަހައްދެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ.
”މިއީ ހަނގުރާމަ ނިންމާލުމަށް އެންމެ ރަނގަޅު ގޮތް. އަވަހަށް މިކަން ނިންމާލަން އެންމެ ރަނގަޅު ގޮތް.“ އޮކްޓޯބަރު 7 އިން ފެށިގެން ހިންގަމުންދާ ގަތުލުއާންމާ ގުޅޭގޮތުން ނަތަންޔާހޫ ބުނެފައިވެއެވެ.
ހަނގުރާމަ ނިންމުމުގެ ފަސް އުސޫލު
ނަތަންޔާހޫ ވަނީ ހަނގުރާމަ ނިންމާލުމަށް ފަސް އުސޫލެއް ކަނޑައަޅާފައެވެ.
- ހަމާސް ހަތިޔާރު ނައްތާލުން
- ރަހީނުކޮށްގެން ގެންދިޔަ އިސްރާއީލުގެ މީހުންގެ ތެރެއިން ދިރިހުރި މީހުންނާއި މަރުވެފައިވާ އެންމެން އެނބުރި ގެނައުން
- ޣައްޒާގައި އެއްވެސް ހަތިޔާރު އެޅި ބަޔަކު ނުހުންނަ ވަރު ކަމެއް ކުރުން.
- ޣައްޒާގެ މައްޗަށް އިސްރާއީލުގެ ސަލާމަތީ ކޮންޓްރޯލް ނެގުން.
- ހަމާސް ނުވަތަ ފަލަސްތީނުގެ އޮތޯރިޓީއެއް ވެސް ނެތް އެހެން މަދަނީ ވެރިކަމެއް ގާއިމުކުރުން.
ޣައްޒާ ސިޓީއާއި ޣައްޒާގެ މެދުތެރޭގައި އިސްރާއީލުން ރާވާފައިވާ އަސްކަރީ އޮޕަރޭޝަންތައް އެކަށީގެންވާ މުއްދަތެއްގައި ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ނަތަންޔާހޫ ބުނެފައިވީ ނަމަވެސް، އޭގެ ޓައިމްލައިނާ ބެހޭ ގޮތުން އިތުރު ތަފްސީލެއް އޭނާ ހިއްސާއެއް ނުކުރެއެވެ.



