ހުޅުމާލޭގައި ރޭ ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ކާރު ދުއްވައި، ފުލުހުން މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ފިލަން މަސައްކަތްކުރި މައްސަލައިގައި ހައްޔަރުކުރި 18 އަހަރުގެ ޒުވާނާ ދޫކޮށްލައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ފިލިމާގޭ، އައިކް ހައިޝަމް، 18، އެވެ.
ފުލުހުން ބުނިގޮތުގައި އޭނާ އަތުގައި ލައިސަންސެއް ނެތެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ޒުވާނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ހައިޝަމް ދުއްވި ކާރު މާޑުކުރަން އެންގުމުން މަޑުނުކޮށް ހުޅުމާލޭ ފޭސް 1 އާއި 2 ގެ އެކި މަގުތަކުގައި ދުއްވާފައިވާ އިރު އެ ކާރުން ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓައިލި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވައްޓައިލި ސައިކަލްގައި ތިބި ދެ ފުލުހުންނަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.



