ބ. ކުޑަރިކިލުގައި އަލަށް ޤާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފަށްޓަވައިދެއްވައިފިއެވެ.
ރައީސް، މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުޑަރިކިލަށް ވަޑައިގެން، އެރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކުރެއްވިއެވެ.
ކުޑަރިކިލު ކައުންސިލުގެ ފަރާތުން މިކާޑާ ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް، ޢަބްދުލްޙަންނާން ޢައްބާސްއެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދިން ގޮތުގައި، ކުޑަރިކިލުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބިގެންދާނެއެވެ.
މިއީ އޭޓީއެމް މަޝްރޫޢުގެ ދަށުން މިޚިދުމަތް ޤާއިމްކުރެވުނު 39 ވަނަ ރަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް މުޢިއްޒުގެ ވަޢުދެކެވެ. މި ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ށ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅު އަދި ކ. އަތޮޅު ހިމެނޭ ގޮތަށް 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ.
އަދި މި އައު އޭޓީއެމްއާއެކު މުޅި ރާއްޖެ ހިމެނޭ ބީއެމްއެލް ބޭންކިންގ ވިއުގައިގައި 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެކަމަށް އެ ބޭންކުން ވިދާޅުވެފައިވެއެވެ.



