ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތަކާ އަޅާބަލާއިރު ލިބޭ މުސާރަ މާ ކުޑަކަމަށް ބުނެ، މަޖިލީހުގެ ބައެއް މެންބަރުން މިއަދު އާންމު ކޮމިޓީގައި ޝަކުވާ ކުރައްވައިފިއެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމާއި މެދު މެންބަރުންގެ ޚިޔާލު ހޯދުމަށް ބޭއްވި މި ބައްދަލުވުމުގައި ގިނަ މެންބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވީ މުސާރައިގެ ކަންބޮޑުވުމެވެ.
އަލިފުށީ ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހުމާން ވިދާޅުވި ގޮތުގައި، އާންމު ރައްޔިތުން ދެކޭގޮތާ ޚިލާފަށް މަޖިލިސް މެންބަރެއްގެ އަސާސީ މުސާރައަކީ 42,500 ރުފިޔާއެވެ.
”އާންމުން ހީކުރާ ގޮތަށް 100,000 ނުވަތަ 85,000 ރުފިޔާއެއް ނޫން މެންބަރުންނަށް ލިބެނީ.“ އަބްދުއްލަތީފް ވިދާޅުވިއެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު ފާހަގަކުރެއްވި ގޮތުގައި މެންބަރުންނަށް އެލަވަންސްގެ ގޮތުގައި ލިބެނީ އެންމެ 20,000 ރުފިޔާއެވެ. މާލޭގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުލި 24,000 ރުފިޔާއަށް އަރާއިރު، މި އެލަވަންސްއަކީ ވަރަށް ކުޑަ އަދަދެއްކަން ރިޔާޒު ފާހަގަކުރެއްވިއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވި ގޮތުގައި މެންބަރުންގެ މުސާރައަކީ މިނިސްޓަރުންގެ މުސާރައަށްވުރެވެސް ކުޑަ އަދަދެކެވެ.
އިސްދޫ ދާއިރާގެ މެންބަރު އިސްމާއިލް ޝަފީއު ވެސް ވިދާޅުވީ މެމްބަރު ކަމަށް ނުކުމެވަޑައިގަތީ، ”ކަނޑަށް ނުކުތީމަ ރާޅު ޖަހާނެ ކަން“ ވެސް އެނގިވަޑައިގެން ކަމަށެވެ.
ނަމަވެސް މަޖިލީހުން ނިންމާ ނިންމުންތަކާ ގުޅޭ ގޮތުން މީޑިއާތަކުން ހަބަރު ގެންނަނީ އޮޅޭ ގޮތަށް ކަމަށް ވިދާޅުވި އެެވެ.



