ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކެންދޫއަށް މިއަދު ވަޑައިގަންނަވައިފިއެވެ.
މިއީ ރައީސް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވަޑައިގެންނެވި ތިންވަނަ ރަށެވެ.
ކެންދޫއަށް ރައީސް ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި ޢުމުރުފުރާގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ކެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކެންދޫގެ ތަރައްޤީއަށް ރޭވިފައިވާ މުހިންމު މަޝްރޫޢުތަކެއް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކެންދޫގައި އަލަށް ޤާއިމުކުރި ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވުމާއެކު، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަހުގެ 11 ވަނަ ދުވަހުން 14 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި ދަތުރުފުޅުގައި ރައީސް ބ. އަތޮޅުގެ 13 ރަށަކަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ރަށްރަށުގެ ޙާލަތު ބެއްލެވުމާއި، ކައުންސިލްތަކާ ބައްދަލުކުރައްވައި ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.




