އދ. މާމިގިލީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.
އާރްޑީސީން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައި އެވެ. އެގޮތުން އެކުންފުނިން ބުނީ އދ. މާމިގިލީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ރަށުގެ ގެވެހި މަގާއި ޖަވާހިރު މަގުގައި މަގު ބައްތިތަކަށް ކޭބަލް ގުޅުމުގެ މަސައްކަތް ކަމަށެވެ.
އާރުޑީސީއިން މަޢުލޫމާތު ދޭ ގޮތުގައި މަގުތައް ހަދާ ނިމޭއިރު ފަސޭހައިން ފެން ހިނދިގެންދާނެއެވެ. އެގޮތުން ފެންބޮޑުވެއްޖެނަމަ ފެން ހިންދުމަށް ސްޓޯމް ވޯޓަރ ސިސްޓަމާއި، ޕަމްޕް ސްޓޭޝަން އެރަށުގައި ބަހައްޓާނެކަމަށްވެސް އާރުޑީސީއިން ބުނެއެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޖުމްލަ 80 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.




