ނިރުބަވެރި އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ ޖުމްލަ އަދަދު 61،599 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
ސިއްހީ ވުޒާރާއިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ފާއިތުވި 24 ގަޑިއިރު ތެރޭގައި 89 ފަލަސްތީނުން ޝަހީދުވެފައިވާއިރު، މީގެ ތެރޭގައި އެހީ ހޯދަން އުޅުނު 31 މީހުން ހިމެނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި 513 މީހުން ޒަޚަމްވެފައިވެއެވެ.
އިސްރާއީލުން އޮކްޓޯބަރު 7، 2023 ގައި ފެށި ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 154،088 މީހުން ޒަޚަމްވެފައިވާއިރު، އެމެރިކާގެ ޣައްޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) މެދުވެރިކޮށް މެއި 27 ވަނަ ދުވަހު ތަޢާރަފުކުރި އާ އެހީ ބެހުމުގެ ނިޒާމަށް ފަހު، އެހީ ހޯދުމުގެ ތެރޭގައި 1،838 މީހުން ޝަހީދުވެ، 13،409 މީހުން ޒަޚަމްވެފައިވެއެވެ.
ސިއްހީ ވުޒާރާއިން އިތުރަށް ހާމަކުރި ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކާނާ ނުލިބިގެން ދެ ކުޑަކުދިން ހިމެނޭ ގޮތަށް ފަސް މީހުން ޝަހީދުވެފައިވެއެވެ.
މިއާއެކު، ނިރުބަވެރި އިސްރާއީލުގެ ހަނގުރާމަ ފެށުނު ފަހުން ކާނާ ނުލިބި، ބަނޑުހައިހޫނުކަމުގައި ޝަހީދުވި މީހުންގެ އަދަދު 227 އަށް އަރާފައިވާއިރު، މީގެ ތެރޭގައި 103 ކުޑަ ކުދިން ހިމެނެއެވެ.



