އިޒްރޭލް ޕާސްޕޯޓުގައި އެ ގައުމުގެ މީހުން ރާއްޖެ އައުން މަނާ ކުރުމުން އޭގެން ނުރަނގަޅު އަސަރެއް ނުކުރާ ކަމަށާއި ލިބުނީ ފައިދާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެއެވެ.
އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރީ މިދިޔަ އޭޕްރިލް މަހުން ފެށިގެންނެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމްއަށް ގެއްލުން ލިބޭނެ ކަމަށް ވެސް އެއިރު ވާހަކަ ދެކެވުނެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވަނީ، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމުން އެއްވެސް ނުރަނގަޅު އަސަރެއް ކުރިތޯ މިނިސްޓަރ ޚަލީލްއާ ސުވާލު ކުރައްވާފައެވެ.
ނޫން، އަސަރުތަކެއް ނުކުރޭ. ރާއްޖެއަށް ކުރީ އޭގެ ސަބަބުން ރަނގަޅު އަސަރުތަކެއް. އެއީ، އެއް ކަމަކަށް، އިސްލާމީ އުންމަތާ ގާތް ވެގެން ދިއުން. ދެވަނަ ކަމަކަށް ތިބޭފުޅުން ޓޫރިޒަމް އެރައިވަލް ބައްލަވާލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ، އިސްލާމީ އެކިއެކި ގައުމުތަކުން ރާއްޖެއަށް އަންނަ އަދަދު އިތުރުވެގެން ދިޔުން“ މިނިސްޓަރ ޚަލީލު ވިދާޅުވިއެވެ.
އެ ސުވާލަށް އިތުރަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް، ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށެވެ. އޭގެ ތެރެއިން އިޒްރޭލް ޕާސްޕޯޓު މަނާ ކުރުމަކީ އޭގެ ހެއްކެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.




