ކ. ދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން ދިއްފުށިން 19 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޓީސީސީއާ ވަނީ ޙަވާލުކޮށްފައެވެ. ބިން ހިއްކުމުގެ އިތުރުން މޫދަށް އެރޭ ސަރަޙައްދު ތަރައްޤީކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ. އެގޮތުން މޫދަށް އެރޭ ސަރަޙައްދު ހެދުމަށްޓަކައި 578 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމަށް 500 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި ސެޕްޓެމްބަރު މަހުން ފެށިގެން ބިން ހިއްކުމުގެ މަސައްކަތް ބާރުދުވެލީގައި ދަނީ ކުރިއަށެވެ. އެގޮތުން މިހާރުވެސް ޑްރެޖަރު ބޭނުންކޮށްގެން ހިއްކާ ސަރަޙައްދަށް ވެލި އެޅުމުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ ބިން ހިއްކުމަށް ވެލި އެޅުމުގެ ހުރިހާ މަސައްކަތެއް އެއް މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމެވެ.
ގާތްގަނޑަކަށް 1200 މީހުންގެ އާބާދީއެއް އޮންނަ ދިއްފުށީގެ މިހާރުގެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 23 ހެކްޓަރެވެ. ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ އެ ރަށުގައި މިހާރު ހުރި ހުރިހާ ބިމެއް ދޫކޮށް ރަށް ފުރިފައިވުމުން، ބިމުގެ ދަތިކަން ވަނީ އިންތިހާއަށް ކުރިމަތިވެފައެވެ. އެހެންކަމުން ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި އިޤްތިޞާދީ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް މި މަޝްރޫޢަކީ ނުހަނު މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން ރަށުގެ ބިމުގެ ޖާގަ ގާތްގަނޑަކަށް ދެގުނައަށް އިތުރުވެގެންދާނެއެވެ.
މީގެ އިތުރުންވެސް ދިއްފުށީގެ ތަރައްޤީއަށް އެމްޓީސީސީން ދަނީ އިތުރު މަޝްރޫޢުތައް ހިންގަމުންނެވެ.
އޭގެ ތެރޭގައި ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފާހަގަކޮށްލެވެއެވެ.



