މިއަދަކީ ރާއްޖޭގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާއާއި މުޙައްމަދު އަބްދުލްޣަނީ (ތޭރަ) ގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދު މިދުނިޔެއިން ވަކިވެގެން ދިޔަތާ އެއް މަސް ދުވަސް ފުރުނު ދުވަހެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، އަލްސަން ވަކިވެގެން ދިޔުން ވެގެން ދިޔައީ މުޅި ރާއްޖެ ސިއްސުވާލި އަދި ފަހުގެ ތާރީހެއްގައި ހިނގި ހިތާމަވެރި އެއް ހާދިސާއަށެވެ.
އަލްސަންގެ ވަކިވުމާ ގުޅިގެން އެކިކަންކޮޅުތަކުން މީހުންވަނީ އަޝްފާއާއި ތޭރައަށް ތައުޒިޔާ ކިޔާފައެވެ. އަދި އެތައް ބަޔަކު ވަނީ އަލްސަންގެ ކަށުނަމާދުގައި ވެސް ބައިވެރިވެފައެވެ.
އަލްސަން ނިޔާވިތާ އެއް މަސް ފުރުނު ދުވަހު (މިއަދު) އަޝްފާ ވަނީ ފުރަތަމަ ފަހަރަށް އޭނާގެ އިހުސާސްތައް ބަޔާންކޮށްދީފައެވެ.
ލޯބިވާ ދަރިފުޅަށްޓަކައި، ސޯޝަލް މީޑިއާގައި އަޝްފާ ކުރި ޕޯސްޓެއްގައި އެންމެ ފުރަތަމަވެސް ބުނެފައިވަނީ، ދަރިފުޅު ވަކިވެ ދިޔަތާ މިއަދު އެއްމަސް ފުރިހަމަ ވީއިރު، މިއީ މަންމަޔާ ބައްޕައަށް އުފުލޭ ވަރަށްވުރެ މާ ހައިބަ ބޮޑު ހިތްދަތިކަމެއް ކަމުގައެވެ.
”މަންމައާއި ބައްޕަގެ ހިތާމަތަކާ ރިހުންތަކަށް ކިރިޔާވެސް ލުޔެއް ލިބިގެންމިދަނީ اللہ سبحانہ وتعالیއާއި ދަރިފުޅު ދެކެ ވާލޯބީގެ ޙައްޤުގައި މިކުރާ ނަމާދާއި ދުޢާއާއި ޒިކުރުތަކާއި އަދި ކީރިތި އާޔަތްތަކުގެ އެހީއާއި މަދަދުންކަން އިހްސާސްކުރެވޭ. މަންމައާއި ބައްޕަ އަދި ދެފަރާތުގެ މުޅި އާއިލާވެސް ދަރިފުޅުދެކެ އިންތިހާ ލޯބިވޭ. އެންމެ ގާތްކުދިންނާ އެކުވެރިންނާ އެކުދިންގެ މަންމަމެން ބައްޕަމެން ވެސް ދަރިފުޅުދެކެ ހަމައެހާ ލޯބިވޭ. އެހުރިހާ ހިތްތަކެއްގާ ދަރިފުޅަށްޓަކާ ޚާއްސަ ޖާގައެއްވާކަން ދަރިފުޅުގެ ވަދާޢީ ވަގުތުކޮޅުގައި ވެސް ފެނިގެންދިޔަ. އިޙްސާސް ކުރެވިގެންދިޔަ. އެވަރުގެ ޖަނާޒާއަކާ އެވަރުގެ ކަށުނަމާދެއް ދަރިފުޅަށް މިންވަރުކޮށްދެއްވި ކަމަށްޓަކާ اللہ سبحانہ وتعالیގެ ޙަޟްރަތައް ޙަމްދާއި ޝުކުރު ކުރަން“ ދަރިފުޅަށްޓަކައި ހިތުގެ އުދާސްތައް ބަންޑުން ޖަހާލަމުން އަޝްފާ ލިޔެފައިވެއެވެ.
މީގެއިތުރުން އަޝްފާ ބުނެފައިވަނީ އަލްސަން އަކީ އޭނައާއި ތޭރަގެ ”މުޅި ދުނިޔެ“ ކަމުގައެވެ. އަދި އެ ދެލޯތަކުން ކަރުނަފޫދެނީ ދަރިފުޅުދެކެވާ އިންތިހާދަރަޖައިގެ ލޯތްބަށްޓަކައި ކަމަށާއި އެމީހުންގެ ނިތްތައް ތިރިވަނީ އަލްސަންގެ ޙައްޤުގައި ކަމުގައިވެސް އަޝްފާ ބުނެފައިވެއެވެ.
”މި ދޫތައް ޙަރަކާތްތެރިވަނީ ދަރިފުޅުގެ އާޚިރަތް ބާއްޖަވެރި ވުމަށްޓަކާ.
ދަރިފުޅަކީ މަންމައާއި ބައްޕައަށް اللہ سبحانہ وتعالی ދެއްވި އަމާނާތެއް.
އަނބުރާ ގެންދެވިފައި ތިޔަވަނީ އެކަލާނގެ ޙަޟްރަތަށް.
އެކަލާނގެ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވޭ.
މަންމައާއި ބައްޕަގެ ދުޢާއަކީ ބަރުޒަޚްގެ ޢާލަމަކީ ދަރިފުޅަށް ރައްކާތެރި އަމާން ތަނަވަސް، ފިނިކަމާ އަލިކަން ލިބިގެންވާ ތަނެއް ކަމުގައިވުން.
ދަރިފުޅުގެ އެންމެހާ ކުށް ފާފަތައް ފުއްސަވާދެއްވާ،
ސުވަރުގޭގެ ދާއިމީ ރަޙްމަތާއި ނިޢުމަތުގައި ދަރިފުޅު ލެއްވުން. ދަރިފުޅާއެކު ސުވަރުގޭގައިވުމަށްޓަކައި މިދަނީ ތާއަބަދު ގަދައަޅާ މަސައްކަތް ކުރަމުން.
ވަރަށް ވަރަށް ވަރަށް ލޯބިވޭ އަލްސަން ދަރިފުޅާ
اللّهُمَّ، اغْفِرْ لَهُ وَارْحَمْهُ، وَعَافِهٍ وَاعْفُ عنْه“ އަޝްފާގެ އަސަރުގަދަ މެސެޖު ނިންމާލަމުން ބުނެފައިވެއެވެ.




