ޣައްޒާ އެއްކޮށް ހިފުމަށް އިޒްރޭލު ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެ އޮޕަރޭޝަންގެ ”އޮނިގަނޑު“ ފާސްކޮށްފައިވާ ކަމަށް އިޒްރޭލު އަސްކަރިއްޔާއިން މިއަދު ހާމަކޮށްފިއެވެ.
ސިފައިންގެ އެންމެ އިސް ވެރިޔާ ލެފްޓިނަންޓް ޖެނެރަލް އެޔާލް ޒަމީރު ވަނީ ”ގާޒާ ސަރަހައްދުގައި އައިޑީއެފްގެ އޮޕަރޭޝަނަލް ޕްލޭންގެ މައިގަނޑު އޮނިގަނޑު“ ފާސްކޮށްފައެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި، ޣައްޒާ ސިޓީއަށް އިޒްރޭލުން މިހާރު ދެމުންދަނީ މީގެ ކުރިން ނުދޭހާ ވަރުގަދަ ހަމަލާތަކެކެވެ. އެ އޭޖެންސީން ފާހަގަކުރި ގޮތުގައި ޣައްޒާ ސިޓީގެ އެކި ހިސާބުތަކަށާއި އުސް އިމާރާތްތަކަށް ވެސް މި ހަމަލާތައް އަމާޒުކުރެވެމުންދެއެވެ.
މި ހަމަލާތައް ހަރުދަނާވަމުންދާއިރު، ހަމާސްގެ ޓީމެއް ވަނީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓުވުމަށް މަޝްވަރާކުރުމަށް މިސްރުގެ އޮފިޝަލުންނާ ބައްދަލުކުރަން ގޮސްފައެވެ. އެހެންނަމަވެސް، އިޒްރޭލު ސިފައިން މި ޕްލޭން ފާސްކުރި ކަން އިއުލާނުކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހަމާސްއިން ވަނީ ޣައްޒާ ސިޓީއަށް އިޒްރޭލުން ވަރުގަދަ ހަމަލާތައް ދެމުންދާ ކަމަށް ބުނެފައެވެ.
ޣައްޒާގައި ހަމަލާތައް އަލުން ވަރުގަދަވަމުންދާއިރު، ނަތަންޔާހޫގެ ސަރުކާރުގެ ރޭވުންތަކާ ދެކޮޅަށް އިޒްރޭލުގެ އެތެރެއާއި ބޭރުން ފާޑުކިޔުންތައް އިތުރުވަމުންދެއެވެ. އަދި އދ. އާއި އެހެނިހެން ޖަމާއަތްތަކުން ވެސް ޣައްޒާގައި ހައިހޫނުކަން އިތުރުވެ ނުރައްކާ ބޮޑުވަމުންދާ ކަމުގެ އިންޒާރު ދެމުންދެއެވެ.
ނިރުބަވެރި އިޒްރޭލުގެ މި ހަމަލާތައް ފެށިފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާގައި 1,219 މީހުން މަރުވުމާ ގުޅިގެންނެވެ.
އޭގެ ބަދަލުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 61,000 އަށް ވުރެ ގިނަ ފަލަސްތީނުން ވަނީ ޝަހީދުވެފައެވެ.



