މިދިޔަ ޖުލައި މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވަށް 10 މިލިއަން ޑޮލަރުގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރަސްމީ ރިޒާވަކީ ކްރެޑިޓް ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ކަނޑައެޅުމުގައި ބަލާ މުހިންމު މިންގަނޑަކަށްވާއިރު، ރާއްޖޭގެ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފަހައްޓަން ޖެހޭކަމަށް އެމްއެމްއޭއިން ވަނީ މީގެ ކުރިން ބުނެފައެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ދައްކާގޮތުން، ބޭނުން ކުރެވޭ ރިޒާވް ޖުލައިމަހުގެ ނިޔަލަށް ވަނީ 213.22 މިލިއަން ޑޮލަރަށް އަރާފައެވެ.
އެގޮތުން މިދިޔަ ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 203 މިލިއަން ޑޮލަރެވެ. މިއީ 5 އިންސައްތައިގެ ކުރިއެރުމެކެވެ. ބޭނުން ކުރެވޭ ރިޒާވަކީ ވަގުތުން ކުރަން ޖެހޭ ޚަރަދުތަކަށް ބޭނުން ކުރުމަށް ރިޒާވުގައި ހުންނަ އަދަދެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ރަސްމީ ރިޒާވް ވަނީ ޖޫންމަހާއި އަޅާބަލާއިރު ޖުލައި މަހު ދަށްވެފައެވެ. ޖުލައިމަހު ރަސްމީ ރިޒާވުގައި ހުރީ 774.52 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަހު ރަސްމީ ރިޒާވުގައި 832.4 މިލިއަން ޑޮލަރު ހުރިކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ 6 އިންސައްތައިގެ ދަށްވުމެއްކަމަށް ތަފާސްހިސާބުތައް ދައްކައެވެ.
މީގެ އިތުރުން ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު މިމުއްދަތުގައި ވަނީ ދަށްވެފައެވެ. ޖުލައި މަހު މިއަދަދު 688.24 މިލިއަން ޑޮލަރުގައި މިއަދަދު ހުރިއިރު، ޖޫން މަހު މިއަދަދު ހުރީ 774.5 މިލިއަން ޑޮލަރުގައެވެ.




