ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު ކަންކަން ކޮށްދިނުމަކީ އެ މަނިކުފާނުގެ މައިގަނޑު ފަލްސަފާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެ މަނިކުފާނު ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މާޅޮހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާބާދީއަކަށް ނުބަލާނެ ކަމަށެވެ.
މިގޮތުން އާބާދީ ކިތަންމެ ކުޑަވި ނަމަވެސް ދިވެހި ކޮންމެ ރައްޔިތަކު ހަމަހަމަ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ކޮންމެ ދިވެހި ރައްޔިތަކަށް ހަމަހަމަކަމާ އެކީގައި ކަންކަން ފުރިހަމަކޮށްދިނުމަކީ އެ މަނިކުފާނުގެ މައިގަނޑު ފަލްސަފާކަމަށް ރައީސް ވިދާޅުވިއެވެ.



