އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 450 ކުޑަކުދިން ބަންދުކޮށްފައިވާ ކަމަށް ފަލަސްތީނުގެ ގައިދީންގެ އިންފޮމޭޝަން އޮފީހުން ހާމަކޮށްފިއެވެ.
މިއީ 2000 ވަނަ އަހަރަށްފަހު އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ ރައްޔިތުން އެންމެ ގިނަ އަދަދަކަށް ބަންދުކޮށްފައިވާ ފަހަރެވެ.
ޖަލުތަކުގެ ބަންދުގައި ފަލަސްތީނުގެ 10،800 އަށް ވުރެ ގިނަ މީހުން ތިބި އިރު، މީގެ ތެރޭގައި 49 އަންހެނުންވެސް ހިމެނެއެވެ.
އަދި 3،613 މީހުން ބަންދުކޮށްފައި ތިބީ އެއްވެސް ދަޢުވާއެއް ނުކޮށް އަދި ޝަރީޢަތެއް ނުހިންގައެވެ. މިއީ މިފަހުގެ ތާރީޚެއްގައި ’އެޑްމިނިސްޓްރޭޓިވް ޑިޓެންޝަން’ގައި އެންމެ ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައިވާ ފަހަރު ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
2023 އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކުރުމުގެ ކެމްޕޭންތައް އިޒްރޭލުގެ ސިފައިން ވަނީ ވަރުގަދަކޮށްފައެވެ.
މީގެ އިތުރުން ލެބަނަން އަދި ސީރިއާއަށް ނިސްބަތްވާ 2،000 އަށްވުރެ ގިނަ މީހުން ޣައިރު ޤާނޫނީ ހަނގުރާމަވެރިންގެ ގޮތުގައި ބަންދުކޮށްފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ނިރުބަވެރި އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށް، މުޅި ޣައްޒާ ހިފުމުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޢުލާނުކޮށްފައެވެ.
އަދި ހުޅަނގު އައްސޭރީގައި ބާރުގެ ބޭނުންކޮށްގެން އިޒްރޭލުގެ ރައްޔިތުން ވަޒަންވެރިކުރުވުމަށް ކުރާ މަސައްކަތްތަކަށް ބޭނުންވާ ކަންކަން ފާސްކުރާނެ ކަމަށް އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް ބުނެފައިވެއެވެ.



