ވިލާތުގެ ދެކުނުގެ ބައެއް ޤައުމުތަކުގެ ޖަންގަލިތަކުގައި ރޯވެފައިވާ ބިޔަ އަލިފާންގަނޑުތައް ނިއްވައިލުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އީޔޫ ސައިންސް ހަބްގެ ޖޮއިންޓް ރީސަރޗް ސެންޓަރުގެ ރިޕޯޓުތަކުން ދައްކާގޮތުގައި، މިހާތަނަށް 440,000 ހެކްޓަރުގެ ބިމަށް މި އަލިފާންގަނޑުތަކުގެ އަސަރުކޮށްފައިވެއެވެ. މިއީ 2006 ވަނަ އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ ބޮޑު ސަރަހައްދެކެވެ.
އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގްރީސްގެ ޕާތުރާގައި، ޒައިތޫނި ދަނޑުތަކާއި ޖަންގަލީގެ ބޮޑު ސަރަހައްދެއް އަނދައިފައިވާއިރު، ސިމެންތި އުފައްދާ ކާރުޚާނާއެއްވެސް ވަނީ އަޅިއަށްވެފައެވެ. މީގެ ސަބަބުން 7,700 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން ޖެހިފައިވެއެވެ.
ސްޕެއިންގައި މި އަލިފާންގަނޑުތަކުގެ ސަބަބުން މިހާތަނަށް 6 މީހުން މަރުވެފައިވާއިރު، އެންމެ ފަހުން މަރުވި 35 އަހަރުގެ މީހާއަކީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ވޮލަންޓިއަރެކެވެ.
ބައެއް ސަރަހައްދުތަކުގައި ފެތުރެމުންދަނީ ގަސްދުގައި ރޯކޮށްލާފައިވާ އަލިފާންގަނޑުތަކެއް ކަމަށް ތުހުމަތުކުރެވޭ ކަމަށް ސްޕެއިންގެ ތިމާވެށްޓާބެހޭ ވަޒީރު ސާރާ އާގެސަން ވިދާޅުވެފައިވެއެވެ.
މި އަލިފާންގަނޑުތައް ނިއްވުމުގެ މަސައްކަތަށް އެންމެ ބޮޑު ގޮންޖެހުމަކަށްވެފައިވަނީ ސަރަހައްދުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މަތިވެފައިވުމާއި، ވައިގެ ބާރުމިން އިތުރުވެފައިވުމެވެ. އަދި މިކަމުގެ ސަބަބުން އަލިފާން ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި އަލިފާންގަނޑުތައް ރޯވުމުގައި ބަޔަކު ގަސްދުގައި ރޯކޮށްލުން ނުވަތަ ހޫނުގެ އަސަރު ހިމެނޭކަމަށް ބެލެވޭއިރު، މިކަން ތަޙުޤީޤުކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރިއަށެވެ.



