މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ނުދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗް ހިމެނޭ ގޮތަށް ބޭރުގެ ނުވަ ޖަމިއްޔާއަކުން ގޮވާލައިފި އެވެ.
މި ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަރުގެ އަދަބަކީ އެއްވެސް ހާލަތެއްގައި ދޭންވާނެ އަދަބެއް ނޫން ކަމަށާއި، އެއީ އިންސާނީ ހައްގުތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި މަރުގެ އަދަބު ދިނުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށާއި، މަރުގެ އަދަބަށް ހުކުމްކޮށްފައިވާ މީހުންގެ ހުކުމް ލުއިކޮށްދިނުމަށް ވެސް ގޮވާލާފައިވެ އެވެ.
މި މައްސަލަ މިހާ ބޮޑަށް ސަމާލުކަމަށް އައިސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.
އެގޮތުން، މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ކުށްތަކަށް މަރުގެ އަދަބު ހިމެނޭ ގޮތަށް ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. މިއީ ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް މިފަދަ ކުށްތަކަށް ދެމުންދާ އަދަބެކެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މި ބިލް އިތުރަށް ދިރާސާކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވަނީ ފޮނުވާފައެވެ.
ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް، މި ނިންމުމަށް ނޫނެކޭ ބުނެފައެވެ.




