ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމު ހުއްޓުވައި، ޣައްޒާ ހިޞޯރުން ނައްތާލުމަށް ގޮވާލުމަށް ”ޤައުމީ ބޮޑު އެއްވުން“ ގެ ނަމުގައި ހަރަކާތެއް މާދަމާ ހަވީރު ބޭއްވުމަށް ނިންމައިފިއެވެ.
4:30 ގައި މާފަންނު ޓާފް ދަނޑުގައި އޮންނަ މި އެއްވުމަކީ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިސްނަގައިގެން ކުރިއަށްގެންދާ ރާއްޖޭގެ ގިނަ އަދަދެއްގެ ޖަމްއިއްޔާ ޖަމާއަތްތަކާއި އެހެނިހެން ފަރާތްތައް ބައިވެރިވާނެ އެއްވުމެކެވެ.
މިއީ ފަލަސްޠީނުގެ ހައްޤުގައި މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ހަރަކާތް ކަމަށް އިންތިޒާމު ކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.
މި އެއްވުމުގައި މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ހަރަކާތްތައް ކުރިއަށްދާނެއެވެ. މިހާތަނަށް 50 ކައުންސިލަކުން މި ހަރަކާތުގައި ބައިވެރިވާނެކަން އަންގާފައިވާ ކަމަށް އިންތިޒާމު ކޮމިޓީން ހާމަކުރެއެވެ.
މިއީ ވޭތުވެދިޔަ 18 އަހަރު ޣައްޒާ ހިޞޯރުކޮށްގެން ބޭއްވުމާ ދެކޮޅަށް އަޑުއުފުލުމަށް ކުރިއަށްގެންދާ ގްލޯބަލް ސުމޫދު ފްލޯޓިލާގެ ބައެއްގެ ގޮތުގައި ބާއްވާ ހަރަކާތެކެވެ.
”ގްލޯބަލް ސުމޫދު ފްލޯޓިލާގައި ދުނިޔޭގެ 44 ޤައުމަކުން ބައިވެރިވާއިރު މާދަމާ އެކަނިވެސް އެއްފަހަރާ 5 ޤައުމެއްގައި އެއްވުންތައް ކުރިއަށްދާނެ. ބަންގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން، ފިލިޕީންސް އަދި ދިވެހިރާއްޖޭގައި ކުރިއަށްދޭ،“ އިންތިޒާމު ކޮމިޓީން ބުންޏެވެ.
ސުމޫދު ފްލޯޓިލާއަކީ 2007 ވަނަ އަހަރުން ފެށިގެން ޔަހޫދީ ދައުލަތުން ޣައްޒާގެ ކަނޑާއި ވަޔާއި އެއްގަމު މަގުތައް ބަންދުކޮށް ޣައްޒާއަށް ތަކެތި ވެއްދުން ކޮންޓްރޯލް ކުރަމުންދާ ދިއުމާއި ދެކޮޅަށް އުފެދިފައިވާ ހަރަކާތެކެވެ.
މި އެއްވުމުގައި ޣައްޒާގައި ޤަތުލުއާންމު ތެރޭގައި 7 މަސް ހޭދަކުރި ފަލަސްޠީނުގެ ރައްޔިތަކާއި އޭނާގެ ދަރިފުޅުގެ އިތުރުން، ފަލަސްޠީނުގެ ހައްޤުގައި އަޑުއުފުލަމުންދާ ބައިނަލްއަޤްވާމީ 12 ޝަޚްޞިއްޔަތުވެސް ބައިވެރިވާނެއެވެ.



