ސޫދާނުގެ ޑާފޫރު ސަރަހައްދުގައި ނުރައްކާތެރި ކޮލެރާގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރި، މިހާތަނަށް 40 މީހަކު މަރުވެއްޖެއެވެ.
ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މި ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރިފައިވަނީ ސޫދާންގެ ހުޅަނގު ސަރަހައްދުގައި ކަމަށެވެ.
އެ ސަރަހައްދަކީ ދެ އަހަރަށް ވުރެ ގިނަ ދުވަހު ސޫދާންގެ ސިފައިންނާއި ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސް އާ ދެމެދު ހިނގި ހަނގުރާމައިގެ މައިދާނެކެވެ.
އެމްއެސްއެފްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޑާފުރު ސަރަހައްދުގައި އެކަނިވެސް އެ ޖަމްއިއްޔާގެ މެޑިކަލް ޓީމުތަކުން 2،300 އަށް ވުރެ ގިނަ ބަލިމީހުންނަށް ފަރުވާ ދީފައިވެއެވެ. އަދި ފާއިތުވި ހަފްތާގެ ތެރޭގައި 40 މީހުން މި ބަލީގައި މަރުވެފައިވާކަން ރެކޯޑްކޮށްފައިވެއެވެ.
މި ބަލިމަޑުކަމުގެ ނުރައްކާތެރިކަން އިތުރަށް ހާމަކޮށްދޭ ތަފާސްހިސާބުތަކެއް އެމްއެސްއެފްއިން ހާމަކޮށްފައިވެއެވެ. އެގޮތުން، އޮގަސްޓް 11 ވަނަ ދުވަހުގެ ނިޔަލަށް ކޮލެރާއާ ގުޅިގެން ރިޕޯޓުކުރެވުނު 99،700 މީހުންގެ ތެރެއިން 2،470 މީހުން ވަނީ މަރުވެފައެވެ.
ކޮލެރާއަކީ ބެކްޓީރިއާ ތަޣައްޔަރުވެފައިވާ ކާނާއާއި ފެނުގެ ތެރެއިން، ގިނަ ފަހަރަށް ނަޖިހުން ފެތުރޭ ގޮހޮރުގެ ސީރިއަސް އިންފެކްޝަނެކެވެ. މި ބައްޔަށް ފަރުވާ ނުދެވިއްޖެނަމަ ގަޑިއެއްހާއިރުގެ ތެރޭގައި މީހާ މަރުވުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އޯރަލް ރީހައިޑްރޭޝަނާއި، ސީރިއަސް ހާލަތްތަކުގައި އެންޓިބަޔޮޓިކްސް ބޭނުންކޮށްގެން ފަރުވާ ކުރެވިދާނެއެވެ.
2021 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައިވެސް ކޮލެރާގެ ކޭސްތައް އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.
އެމްއެސްއެފްއިން ވަނީ މި ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.



