އިންޑިއާގެ 79 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫ އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގައި އިތުބާރުހުރި ބައިވެރިއެއް ކަމަށެވެ.
އަދި އެ ގައުމުގެ ސަރުކާރަށާއި އެކުވެރި ރައްޔިތުންނަށް ވެސް މިނިވަންދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ދުވަހުގެ އެކި ހަރަކާތްތަކުން އެ ގައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ވެރިންގެ މެދުގައި ކުރެވޭ މުއާމަލާތްތަކާއި ދެ ގައުމުގެ ދޭދޭ ރައްޔިތުންގެ މެދުގައި ކުރެވޭ މުއާމަލާތްތައް އިތުރުވެފައިވާ ކަމަށާއި، މިއީ އިންޑިއާ-ރާއްޖޭގެ ވަރުގަދަ ގުޅުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އަވަށްޓެރި ގައުމު ކަމަށްވާއިރު، މި ސަރުކާރުން ގެންދަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ގުޅުމުގެ ހަރުދަނާކަން ފާހަގަކޮށްލެވޭ އެއް މިސާލަކީ ރައީސް މުޢިއްޒުގެ ދަޢުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރާއްޖެއަށް ވަޑައިގެންފައިވުމެވެ.



