ހައްގަކާ ނުލައި މީހަކު މަރައިލުން ހަރާމްވާ ފަދައިން އަބުރަށް އަރައިގަތުމަކީ ވެސް ހަރާމްކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”އަބުރަށް އަރައިގަތުން“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މިއަދުގެ މުޖުތަމައުގައި އެންމެ ގިނައިން ފެންނަ އެއް ކަމަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށެވެ.
ހުތުބާގައި ބުނީ، ތެދެއް ދޮގެއް ބެލުމެއްނެތި، އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަމުންދަނީ އޭގެ ނަތީޖާއަށް ވިސްނާލުމެއްނެތި ކަމަށެވެ.
ހުތުބާގައި ބުނެފައިވާ ގޮތުގައި، ﷲ ސުބުހާނަހޫ ވަތަޢާލާ ވަނީ އިންސާނާ އެންމެހައި މަހުލޫގުންގެ މައްޗަށް މާތްކުރައްވައި، ގަދަރު އުފުއްލަވައި ހުރުމަތްތެރި ބައެއްގެ ގޮތުގައި ލައްވާފައެވެ. މާތް ނަބިއްޔާ މުހައްމަދު ﷺ ހައްޖަތުލް ވަދާޢުގެ ހުތުބާގައި ހަދީޘްކުރައްވާފައިވާ ގޮތުގައި ”ހަމަކަށަވަރުން ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ.“
ވީމާ މިފަދަ ބޮޑު ކަމެއް މި މުޖުތަމައުގައި ކުރަމުން ދަނީ އެއްވެސް ވިސްނުމެއްނެތިކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ، އަބުރުގެ ޙުރުމަތްތެރިކަން ގުޅުވައިލައްވާފައި ވަނީ ލެޔާއި މުދަލަށެވެ. އެހެނީ ޙައްޤަކާ ނުލާ މީހަކު މަރާލުން ހަރާންވާ ފަދައިން، އަދި މީހެއްގެ މުދާ އަތުލައިގަތުން ހަރާންވާ ފަދައިން، އަބުރަށް އަރައިގަތުމަކީ ވެސް ޙަރާމް ކަމެއް ކަމަށެވެ.
ހުތުބާގައި ވަނީ މިއަދުގެ މުޖުތަމައަކީ ވަރަށް ބޮޑަށް މީޑިއާގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ މުޖުތަމައެއްކަން ފާހަގަކޮށްފައެވެ. ފޭސްބުކް، ޓްވިޓަރު، ވައިބަރު، ޓިކްޓޮކް އަދި ޔޫޓިއުބް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކަކީ ވައިރޯޅިއެއް ފެތުރިގެންދާ މިންވަރަށްވުރެ ހަލުވިކަމާއެކު މައުލޫމާތު ފަތުރައިދޭ މަންސަތަކެއް ކަމަށް ބުނެފައިވެއެވެ.
އަދި މީސްމީޑިއާގައި ހިއްސާކުރެވޭ ވާހަކަތަކަކީ އެތައް ޒަމާނަކަށް ދެމިގެންދާނެ އެއްޗެހި ކަމަށާއި، މީހެއްގެ އަބުރު ކަތިލައި ނުވަތަ ގީބަ ބުނެ އެފަދަ އެއްޗެހި ފަތުރާނަމަ، އެ އެއްޗެއް ފެތުރޭހާ ހިނދަކު އެކަމުގެ ފާފަ އެ މީހަކަށް ލިބެމުންދާނެ ކަމަށް ހުތުބާގައި ބުންޏެވެ.
އިސްލާމްދީން ގޮވާލަނީ މީހުންގެ އައިބުތައް ވަންހަނާކުރުމަށް ކަމަށާއި، މީހަކު ފަޟީހަތްކޮށްފި މީހާގެ ކަންކަން ﷲ ސުބުހާނަހޫ ވަތަޢާލާ ފަޟީހަތްކުރައްވާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
މީސްތަކުގެ އަބުރަށް އަރައިގަތުން ހުއްޓާލާ، މީހެއްގެ އަބުރު ކަތިލެވިފައިވާނަމަ، ފާޅުގައި އެ މީހެއްގެ ކިބައިން މާފަށް އެދި، ތަޢުބާވެ، ވަގުތު ފާއިތުވުމުގެ ކުރިން މާތް الله ގެ މަގަށް ރުޖޫޢަވާން ހުތުބާގައި ނަސޭހަތްތެރި ވެފައިވެއެވެ.




