ދިވެހިރާއްޖެ އާއި އިންޑިއާގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. އެސް. ޖައިޝަންކަރް އަށް ފޮނުއްވި މެސެޖެއްގައެވެ.
މިނިސްޓަރު ހަލީލުގެ މެސެޖްގައި ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމާއި، ދާދިފަހުން ދެޤައުމުގެ ދެމެދުގައި ހިނގާފައިވާ އިސް ފެންވަރުގެ ބައްދަލުވުންތަކުން ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ހަރުދަނާވެފައިވާ ކަމަށެވެ.
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ބަދަހިވެ، ކުރިއަރަމުންދާނެ ކަމަށް ”ޔަގީންކުރައްވާ ކަމަށް“ މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.
ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ އިން 565 މިލިއަން އެމެރިކާ ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ހަމަޖައްސައިދީ، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.




