މީގެ ހަތް އަހަރު ކުރިން (2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1ވަނަ ދުވަހު) ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ހައްޔަރު ކުރަން ޖެހުނު ސަބަބުކަމަށް ބުނެ، އެއިރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދާދިފަހުން ދައްކަވާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށާއި އެކަމާ ގުޅިގެން ޔާމީނާ ދެކޮޅަށް ޤާނޫނީ ގޮތުން ފިޔަވަޅު އަޅަން ރައީސް މައުމޫން ވިސްނަވަމުން ގެންދަވާކަމަށް ވިދާޅުވެއްޖެއެވެ.
އޮފީސް އޮފް ފޯމަރ ޕްރެޒިޑެންޓް މައުމޫންގެ ފަރާތުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 13 ވަނަ ދުވަހު އަދަދު ނޫހުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޔާމީން ބައިވެރުވެވަަޑައިގެން، މައުމޫން ހައްޔަރުކުރުމާ ގުޅޭގޮތުން ދައްކަވާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، ރައީސް މައުމޫން ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުމްނަށް ރިޝްވަތު ދިނުމުން ކަމުގައި ރައީސް ޔާމީން ވިދާޅުވި ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
”1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުއްވި އަމުރަކީ ރައީސް މައުމޫންއާ އެއްވެސް ވަރަކަށް ގުޅުންހުރި ކަމެއް ނޫން. އަދި ރާއްޖޭގެ ސުޕްރީމް ކޯޓުން ކޯޓު އަމުރެއް ހޯދުމުގެ ބޭނުމުގައި ނުވަތަ އެ ނޫންވެސް ނިންމުމެއް ނިންމުމުގެ ގޮތުން، ފަނޑިޔާރުންނަަށް ރިޝްވަތު ދިނުމުގެ ހަޑި މުޑުދާރު އެއްވެސް އަމަލެއް ރައީސް މައުމޫން ދުވަހަކުވެސް ކުރައްވާފައެއް ނުވޭ“ އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައީސް ޔާމީންގެ އެ ތުހުމަތުތަކުގެ ސަބަބުން އޭނާއާ ދެކޮޅަށް ޤަަނޫނީ ގޮތުން ފިޔަވަޅު އެޅުއްވުމާ ގުޅޭގޮތުން މިހާރު ރައީސް މައުމޫން ވިސްނަވަމުން ގެންދަވާ ކަމަށެވެ.




