މާލޭގެ މަގުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ބަހައްޓާފައި ހުރި ގިނަ އުޅަނދުތަކެއް ނަގަން ފުލުހުން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މާލޭގެ މަގުތަކަކީ އެެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން، މަގުތަކުގައި އާންމުންނަށް އުނދަގޫވާ ގޮތަށް، ދިގު މުއްދަތަކަށް ބޭނުންނުކޮށް ދޫކޮށްލާފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މަސައްކަތް ކުރަމުން އަންނަނީ ސިޓީ ކައުންސިލާއި ލޯކަލް ގަވަމެންޓް މިނިސްޓްރީން ވެސް ގުޅިގެން ކަމަށް ފުލުހުން ބުންޏެެވެ.
މިކަމާ ގުޅިގެން ފުލުހުން ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މަގުތަކުގައި ބަހައްޓާފައި ހުރި ބޮޑެތި ޕިކަޕާއި ސައިކަލުތަކެއް ވެސް ވަނީ ނަގައިފައެވެ.
ނަމަވެސް މަގުތަކުން މިހާތަނަށް ނަގާފައިވަނީ ކިތައް އުޅަނދު ކަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ފުލުހުން ވަނީ މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަސްވަންދެން ބޭނުންނުކޮށް ބަހައްޓާފައި ހުރި 200 އަށް ވުރެ ގިނަ އުޅަނދު މަގުތަކުން ނަގާފައެވެ.



