މިނިވަން މުސްތަގިއްލު ފަލަސްތީނެއް ގާއިމުވަންދެން އެ ޤައުމުގެ ޙައްގުގައި ދިވެހި ރައްޔިތުން ސާބިތުވެ ތިބެންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވެފައިވަނީ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށާއި ޣައްޒާގެ ހިސާރު ނައްތާލުމަށް ގޮވާލައި، އިއްޔެ ހަވީރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޭއްވި ބޮޑު އެއްވުމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ޝަހީމް ވިދާޅުވީ ފަލަސްތީނަކީ އެ ޤައުމުކާއި ދިވެހި އުންމަތާ އަބަދުވެސް ވަރުގަދަ އުޚުވަތްތެރިކަމުގެ ގުޅުމެއް އޮތް ޤައުމެއް ކަމަށެވެ. ދިވެހިން މިއަދު އަޑުއުފުލަމުންދަނީ އެ ޤައުމާއި ޤައުމުގެ ރައްޔިތުންނާއި މަސްޖިދުލްއަޤްސާ އަދި ޣައްޒާގެ ދިފާއުގައި މަސައްކަތް ކުރާ މުޖާހިދުންނަށްޓަކައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން ޔަހޫދީ ދައުލަތުން ޣައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިހާރުން މިހާރަށް ނައްތާލައި ޣައްޒާގެ ހިސާރު ނައްތާލުމަށް ގޮވާލައްވައި އަދި ބޯޑަރުތައް ހުޅުވާލައި، ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް މިނިސްޓަރު ޝަހީމް ގޮވާލެއްވިއެވެ.



