ގިނަ ސުކޫލުތަކާއި ސަލްޓަންޕާކު ހުންނަ ސަރަހައްދުގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށްޓަކައި، މެދު ޒިޔާރަތް މަގު ހުޅުވާލުމަށް މާލެސިޓީ މޭޔަރު އާދަމް ޢާޒިމް ކައުންސިލަށް ހުށައަޅުއްވައިފިއެވެ.
މޭޔަރު އާޒިމް އެކަން ކައުންސިލަށް ހުށަހެޅުއްވީ، މިދިޔަ ބުދަ ދުވަހު އޮތް މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރެއިން، ޓްރެފިކް ބާރުބޮޑުވުމަކީވެސް އެއް މައްސަލައެވެ.
އެހެންކަމުން މާލޭގެ ޓްރެފިކް ބޮޑު ސަރަހައްދުތަކަށް ލުޔެއް ހޯދުމުގެ މަގްސަދުގައި ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ތެރެއިން، އިސްލާމީ މަރުކަޒާއި ސަލްޓަންޕާކާ ދެމެދު އޮތް މަގު ވެހިކަލްތަކަށް ހުޅުވާލުމުން، ޗާންދަނީ މަގަށާއި ލިލީ މަގަށާއި އަމީރު އަހުމަދު މަގަށް ވެސް ލުއިތަކެއް އަންނާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
އެ ސަރަހައްދަކީ، މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަހައްދު ކަމުން، މި މަގު ހުޅުވާލުމަކީ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ގެނެސްދޭނެ ކަމެއް ކަމަށް އާންމުން ވެސް ދެކޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.



