ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރާއިރު، އެމީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފުސީލް ވެސް އާންމުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މި އިސްލާހު ގެންނަން ހުށަހަޅާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެގޮތުން މަޖިލިސް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް އެޑްރެސް ކުރައްވައި ކުޑޫ ފޮނުއްވި ސިޓީއެއްގައި ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބޯހިޔަވާހިކަމުގެ ބިލުގައި މިހާރު ހިމަނާފައި ކަންކަމުގެ އިތުރުން، އެ ބިލުގައި ހިމަނަން އިތުރު އިސްލާހެއް ހުށަހަޅައިފައެވެ. އޭނާ ހުށަހަޅުއްވާފައިވަނީ ބޯހިޔާވަހިކަމުގެ ބިލުގެ 51 ވަނަ މާއްދާ ނުވަތަ ސޯޝަލް ހައުސިން ޕްރޮގްރާމަށް ކުރިމަތިލާ މީހުންގެ ލިސްޓު އާންމުކުރުމާ ބެހޭ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށެވެ.
ގާނޫނުގައިވާ ގޮތުގެ މަތިން ސޯޝަލް ހައުސިން ޕްރޮގްރާމަކަށް ކުރިމަތިލުމަށް އެދި ހުށަހަޅާ އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓެއް ހައުސިން މިނިސްޓްރީން އާންމުކުރަން ޖެހޭ ގޮތަށް ކުޑޫގެ ހުށަހެޅުމުގައި ވެއެވެ.
އެގޮތުން އެ ލިސްޓުގައި ހިމަނަންޖެހޭ ބައިތަކަކީ:
1. ފުރިހަމަ ނަން
2. ދާއިމީ އެޑްރެސް
3. ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން، އަދި ޝަރުތު ހަމަނުވާނަމަ އޭގެ ސަބަބު
4. ޕޮއިންޓު ލިބިފައިވާ ގޮތުގެ ތަފްސީލު
ސަރުކާރުން މިހާރު އާންމުކުރާ، ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓް ލިބޭ މީހުންގެ ލިސްޓުތަކުގައި ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި ޝަރުތު ހަމަނުވާ ސަބަބުން ބަޔާންކޮށްފައި ހުރެއެވެ. ނަމަވެސް ޕޮއިންޓު ލިބިފައިވާ ގޮތުގެ ތަފްސީލު ހާމައެއް ނުކުރެއެވެ.




