ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ޤާނޫނަށް މި ފަހުން ސަރުކާރުން ގެނައި އިސްލާހަށް ތާއީދުކުރައްވާކަން ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މިއަދު ހާމަކުރައްވައިފިއެވެ.
ގިނަ ކައުންސިލްތަކަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މި އިސްލާހަށް ތާއީދުކުރައްވައި ގާސިމް މިއަދު ވިދާޅުވީ، މިއީ ވަރަށް މުހިންމު އަދި އަދުގެ ހާލަތާ ގުޅޭ އިސްލާހެއް ކަމަށާއި މި އިސްލާހުތައް ކޮންމެހެން ގެންނަންޖެހޭކަން ގަބޫލުކުރައްވާ ކަމަށެވެ.
ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށާއި މިއީ ފެޑެރަލް ދައުލަތެއް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ. އެހެންކަމުން ލާމަރުކަޒީ ގާނޫނު ވެސް އޮންނަން ވާނީ ޔުނިޓަރީ ދައުލަތަކުން ކަމެއް ފުޅާކުރެވޭ މިންވަރަކަށް ކަމަށާއި ގާނޫނުތައް ހެދި އެކުލަވާލެވިފައި އޮންނަންވާނީ އެ ހުދޫދުގެ ތެރެއިން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
”މިސާލަކަށް ކުރިއަށް އޮންނަ އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެން ނުވާނެ، އެއީ ނާޖާއިޒު ފައިދާއެއް ވެސް މެ، އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަގާމުތައް އުފެއްދުމުގެ ބާރު ގާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ“ މާމިގިލީ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.




