މާލޭގެ ގެއެއްގައި ބަންގްލަދޭޝްގެ މީހަކު ބަންދުކޮށް، އޭނާގެ އާއިލާއަށް ގުޅައި ފައިސާ ހޯދަން ޑިމާންޑްކުރި އެ ގައުމުގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީންގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހާފައެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުގައި، ރަހީނު ކޮށްފައިވަނީ މުޙައްމަދު ޝަޖަހާން ނަމަކަށް ކިޔާ މީހެކެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 37 އަހަރުގެ ސަދިގުލް މިއާ އާއި މުހައްމަދު އަޒީޒުލް އެވެ.
އެ އަމުރުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:40 ހާއިރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަޖަހާން ރަހީނުކޮށް، އަނިޔާކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޝަޖަހާންގެ ފޯނު ނަމްބަރުގެ ލޮކޭޝަން ބެލިއިރު އޭނާ އެވަގުތު ހުރީ މއ. ރަނައުރާ ގޯޅީގައި ހުރި ތަނެއްގައިކަން އެނގުނު ކަމަށެވެ.
ފުލުހުން އެ ސަރަހައްދުގައި ތިއްބައި، ފެނުނީ އެ ގޯޅިތެރޭގައި ހުންނަ އެސް.އައި ގެސްޓްހައުސް އިން ޝަޖަހާން ނުކުމެގެން އައި ތަނެވެ. އޭނާއާ ސުވާލުކުރުމުން، އަޒީޒުލް އާއި އިތުރު ބަޔަކު އޭނާ ރަހީނުކޮށް ބިރު ދައްކައި އަނިޔާކުރި ކަމަށް ފުލުހުންނަށް ކިޔައިދީފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އޭނާ ބަންދުކޮށްގެން ގެންގުޅުނު ކަމަށް ބުނާ ކޮޓަރިއަށް ފުލުހުން ވަންއިރު، އަނިޔާކުރި ކަމަށް ބުނާ ދެ މީހުން އެ ވަގުތު އެތަނުގައި ތިއްބެވެ. ދެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.
ކޯޓު އަމުރުގައި ބުނީ ތިލަފުށީގައި މަސައްކަތްކުރާ ސަދިގުލްއަކީ ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށެވެ. އެކަމަކު މީހަކު ރަހީނުކޮށް އަނިޔާކުރުމުގައި ބައިވެރިނުވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ.
އަޒީޒުލްގެ އަމުރުގައި ބުނީ އޭނާއަކީ ވެސް ސައްހަ ވިސާއެއް ނެތި އުޅެމުންދާ މީހެއް ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ ލައްވާ، ޝަޖަހާން މަސައްކަތްކުރުމަށް ފަހު އެ މަސައްކަތަށްވާ ފައިސާ ނުލިބި ތަކުރާރުކޮށް އޭނާއަށް ގުޅައި ފައިސާ ހޯދުމަށް ކުރި މަސައްކަތުން އެ ފައިސާ ލިބިފައިނުވާތީ އޭނާއަށް ގުޅައިގެން ކޮޓަރިއަށް ގެންދިޔަ ކަމަށާއި އޭނާގެ ގައިގައި ޖަހާފައިވާ ކަމަށް އަޒީޒުލް ބުނެފައިވާ ކަމަށެވެ.
އެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހީ އެއީ ބިދޭސީންނަށް ވެފައި ބަންދުން ދޫކޮށްލައިފި ނަމަ، ފިލައިގެން ބޭރަށް ދިއުމުގެ ފުރުސަތު އޮތުމުން ކަމަށް އަމުރުގައި ބުންޏެވެެ.




