ރަސްމާލެ މަޝްރޫއުގެ ދަށުން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކައިފިއެވެ.
މިމަޝްރޫއުގެ ދަށުން ޖުމްލަ 1153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
ރަސްމާލެ މަޝްރޫއުއަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއެވެ.
މިމަޝްރޫޢުގެ ދަށުން 1153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ބުނީ 2023 ވަނަ އަހަރު ޢަމަލީ މަސައްކަތް ފެށި މިމަޝްރޫއުގެ ދަށުން މިހާތަނަށް 129 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށެވެ. އެއީ މުޅި މަޝްރޫއަށް ބަލާއިރު، ބިން ހިއްކުމުގެ ގާތްގަނޑަކަށް 11 އިންސައްތައެވެ.
ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ޑްރެޖަރުތައް ހޯދާ އެމަސައްކަތް އަވަސްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ މިއަހަރުގެ ޖެނުއަރީ މަހު ވިދާޅުވެފައެވެ. ރަސްމާލެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން އަދި މޯހަން މުތާ އެކްސްޕޯރޓްސްއާއި ހަވާލުކޮށްފައިވާއިރު މިއަހަރުގެ ކުރީކޮޅު މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން 65000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ހައުސިންގ މަޝްރޫޢުގެ ދަށުން ފުރަތަމަ 15000 ހައުސިންގ ޔުނިޓުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށް މަސައްކަތް ކުރިއަށްދާކަމަށް ވެސް ބުނެފައިވެއެވެ.



