ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވި މުހައްމަދު ފާރިސް ތޯހާއަށް ގެވެށި އަނިޔާގެ ތުހުމަތު އޮތުމުން އޭނާގެ ނަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާހެއް ނުވިއެވެ.
އެޗްއާރުސީއެމްގެ ދެ މަގާމެއް ހުސްވާތީ ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ރައީސް ފޮނުއްވީ ތޯހާގެ އިތުރުން މުހައްމަދު ޝަފީގު މަހްމޫދުގެ ނަމެވެ. އަދި އެ ދެ ބޭފުޅުންނާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ރޭގައި ވަނީ އިންޓަވިއުކޮށްފައެވެ.
އެގޮތުން އެ އިންޓަވިއުގައި، ބައެއް މެންބަރުން ވަނީ ތޯހާއާ ގުޅޭ ގޮތުން އާއްމުން ކުރި ޝަކުވާތަކާ އެކު ބައެއް ތުހުމަތުތައް ކުރެވޭތީ އެކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އޭނާގެ ކުރީގެ އަނބިމީހާއަށް ގެވެށި އަނިޔާ ކުރި ކަމަށާއި އެ ކައިވެނި ރޫޅުނީ ވެސް އެކަމުގެ ސަބަބުން ކަމަށް ކުރެވޭ ތުހުމަތާ ގުޅޭ ގޮތުން ސުވާލުކުރުމަށް އާންމުން ޝަކުވާ ފޮނުވާފައިވެއެވެ.
ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ތޯހާ ވިދާޅުވީ، އޭނާއަށް އެފަދަ ތުހުމަތެއް އޮތްކަން އެނގިފައި ނުވާ ކަމަށާއި އެފަދަ ކަމެއްގައި އެއްވެސް އިދާރާއަކަށް ވެސް ހާޒިރުކޮށްފައި ނުވާ ކަމަށެވެ.
”ގެވެށި އަނިޔާގެ އެއްވެސް ކަމެއް އެކަހަލަ ގޮތަކަށް ދިމާލެއް ނުވޭ އިނގޭތޯ. އެ އާއިލާއާ މިހާރުވެސް ގުޅުން ރަނގަޅުވާނެ“ ތޯހާ ވިދާޅުވިއެވެ.
ގެވެށި އަނިޔާގެ ތުހުމަތުގެ އިތުރުން ލާއިންސާނީ އަމަލެއް ހިންގި ކަމުގެ ތުހުމަތު ވެސް ތޯހާގެ މައްޗަށްކޮށް ޝަކުވާ ހުށަހަޅާފައިވެ އެވެ. އެއީ، އޭނާ ސިފައިން ގޭގައި މަސައްކަތްކުރި ދުވަސްވަރު ކޮށްފައިވާ ކަމެއް ކަމާއި އެތަނުން އިސްތިއުފާ ދިނީ ވެސް އެކަމާ ގުޅިގެން ކަމަށް އެ ޝަކުވާގައި އޮތެވެ.




