އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ނިމުނު ޖުލައި މަހު ޓެގު އަޅުވާފައި ދޫކޮށްލީ އެންމެ މީހެއްކަން ހާމަވެއްޖެއެވެ.
ވާނުވާ ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށް ޓެގު އަޅުވާފައި މީހުން ދޫކުރަން ފެށީ، މިދިޔަ މެއި މަހުގެ 28ގައެވެ. އެ ނިޒާމުގެ ތެރެއިން ދޫކުރާ މީހުންގެ ވަނަވަރު ކްރިމިނަލް ކޯޓުން ހާމަކުރެއެވެ.
އެ ނިޒާމުގެ ތެރެއިން މިހާތަނަށް 9 މީހަކު ޓެގް އަޅުވާފައި ދޫކޮށްލާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުން ދައްކައެވެ.
އޭގެތެރެއިން، މެއި މަހުގެ ތެރޭގައި ފަސް މީހަކު ދޫކޮށްލިއިރު، ޖެހިގެން އައި ޖޫން މަހު ވަނީ ދެމީހުން ދޫކޮށްލާފައެވެ.
ނިމިދިޔަ ޖުލައި މަހު ޓެގް އަޅުވާފައި ދޫކޮށްލާފައި ވަނީ އެކަކެވެ. އެއީ، އައްޑޫ ސިޓީ، މީދޫއަށް އުފަން އުމުރުން 23 އަހަރުގެ ޒުވާނެކެވެ. އޭނާއަކީ ކެނެބިހާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހެއްކަން ކޯޓު އަމުރުން އެނގެއެވެ.




