ފަލަސްތީނުގެ އިތުރުން ލުބްނާނާއި ސޫރިޔާ އާއި ސައޫދީ އަރަބިއްޔާ އާއި މިސްރާއި އިރާގާއި އުރުދުންގެ ބޮޑު ބައެއް ހިމެނޭގޮތަށް އިސްރާއީލުގެ ބޮޑު ދައުލަތް ”ގްރޭޓާ އިސްރާއީލު“ އުފައްދަން ޖެހޭކަމަށް ބުނެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުށަހެޅި ތަސައްވުރު ރާއްޖޭން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ވިދާޅުވީ، އިސްރާއީލުގެ ބޮޑު ދައުލަތް ”ގްރޭޓާ އިސްރާއީލު“ އުފައްދަން ޖެހޭ ކަމަށް ނަތަންޔާހޫ ބުނެ ހާމަކުރި ތަސައްވުރު، ރާއްޖެ ހިމެނޭހެން އަރަބި އަދި އިސްލާމީ 30 ގައުމެއްގެ ޚާރިޖީ ވަޒީރުންނާއި އަރަބި ގައުމުތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި އޯއައިސީއާއި ޖީސީސީގެ ގައުމުތަކުން ކުށްވެރިކުރާ ކަމަށެވެ.
އެގޮތުން ރާއްޖެއާއި އަރަބި އިސްލާމީ ގައުމުތަކުން ނެރުނު ގުޅިފައިވާ ބަޔާނާ ހަވާލާދެއްވައި ޚަލީލް ވިދާޅުވީ، ”ގްރޭޓާ އިސްރާއީލު“ އުފައްދަން ޖެހޭ ކަމަށް ބުނެ ނަތަންޔާހޫ ހާމަކުރި ތަސައްވުރު ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ.ގެ ޗާޓަރުތަކާ ޚިލާފު ކަމަށާއި، އެ ތަސައްވުރަކީ 1967ގެ ކުރީގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގައުމުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ކަނޑައަޅައި، އަމިއްލަ ބިމުގައި މިނިވަން، މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ހައްގު ނިގުޅައިގަތުން ކަމަށެވެ.
އިޒްރޭލުން ހިސޯރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރަން ކުރާ މަސައްކަތް ހުއްޓާލައި، އިންސާނީ ވަސީލަތްތައް ޣައްޒާއަށް ފޯރުކޮށްދިނުމަށް ޓަކައި ޣައްޒާގެ ބޯޑަރު ހުޅުވާލުމަށް ވެސް އެ ބަޔާނުގައި ގޮވާލާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭން އަބަދު ވެސް ފަލަސްތީނާ އެކު ދެމިއޮތްކަން، މިނިސްޓަރ ޚަލީލް ތަކުރާރުކުރެއްވިއެވެ.



