ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މިހާރުގެ ތިން މެމްބަރުގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ނާސިހު އަލުން ކުރިމަތިލައްވައިފިއެވެ.
ސީއެސްސީގެ ތިން މެންބަރުގެ މަގާމުގެ ދައުރު ހަމަވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 3 ގައެވެ. ދައުރު ހަމަވާ މެންބަރުންގެ ތެރޭގައި އެ ކޮމިޝަންގެ ރައީސް ނާސިހު ވެސް ހިމެނިވަޑައިގަންނަވައެވެ.
ހުސްވާ އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ހަ ނަމެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފައެވެ.
ރައީސް ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނެނީ ސީއެސްސީގެ ރައީސް ކަމުގައި ހުންނެވި އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ނާސިހާއި ސްޕްރީމް ކޯޓުގެ ކުރީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުގައި ހުންނެވި ދަފްތަރު ނަމްބަރު 1325، ޑރ. ހުސެއިން ފާއިޒާއި މ. ވައިޓްވޭލް، ޑރ. ދީބާ މޫސާ އާއި ދަފްތަރު ނަމްބަރު ރސ. 2414، ބަދްރިއްޔާ މޫސާގެ އިތުރުން ގއ. ވިލިނގިލީ، ވާދީއާގެ ފާތިމަތު މުނާ އާއި ސ. މަރަދޫ، މޫންލައިޓްހައުސް، އައިމިނަތު އުއްމުކުލްސޫމް އެވެ.
އެ ނަންތައް އިއްވުމަށް ފަހު، ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.
ސީއެސްސީގެ ރައީސް ކަމަށް ނާސިހު އައްޔަންކުރެއްވީ 2020 ގަ އެވެ.




