މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތްކުރުމަށް ތައްޔާރުރުވެއްޖެއެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވީ މިއަހަރުގެ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި މިމަސައްކަތްކުރުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އޭޕްރީލް މަހުގެ 9ވަނަ ދުވަހުގައެވެ.
އެ މަގަކީ ސަރުކާރާއި އާންމު ފަރާތްތަކުގެ މުހިއްމު ގިނަ އޮފީސްތަކާއި، ބޭންކުތަކާއި ފިހާރަތަކުގެ އިތުރުން މާލެއަށް ލަފާފުރުމުގައި މުހިއްމު ސަރަޙައްދެއްކަމުން އެއީ ކާރުބާރު ބޮޑު ސަރަހައްދެކެވެ.
މިމަގު މަސައްކަތް ކުރުމަށް ހަދަންޖެހޭ އެންވަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ވަނީކޮށްފައެވެ.
މޫގެއިތުރުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށްޓަކައި މިއަދުން ފެށިގެން އަންނަ އޮކްޓޯބަރުގެ 13 ވަނަ ދުވަހާ ހަމައަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި މިހާރު ވަނީ ބަންދުކޮށްފައެެވެ.
އެގޮތުން ދަތުރުވެރިންގެ މާރުކޭޓުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ބަންދުވާނެއެވެ. އަދި އެފަޅީގެ ފަޅުވެސް ބަންދުވާނެކަމަށް ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކާރުބާރު ބޮޑުވާ ވަގުތުތަކުގައި މަސް މާރުކޭޓު ސަރަހައްދުގެ މަގު ވެސް ޓްރެފިކަށް ބަންދު ކުރާނެކަމަށް އެ އިއުލާނުގައިވެއެވެ.




