ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ބްރިޖު ވިއުއިން ޕްލެޓްފޯމުގައި ސްޓްރާޑާ ކުންފުނިން ހިންގި ނިއުޕޯޓު ރެސްޓޯރެންޓުން ބިމު ކުލީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ނުދެއްކުމުން، ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ދައުލަތުން އެދިގެން އެ ކޯޓުން އިއްޔެ ބާތިލްކޮށްފިއެވެ.
ލޮނުޒިޔާރަތްކޮޅުގައި އޮންނަ ބިމުގައި ރެސްޓޯރެންޓެއް އެޅުމަށާއި ފުޓްސަލް ދަނޑެއްގެ އިތުރުން ބްރިޖް ބަލަން ތިބޭނެ ޕްލެޓްފޯމެއް ހަދަން ރައީސް ޔާމީންގެ ސަރުކާރުން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ 2016ވަނަ އަހަރުގައެވެ.
ނަމަވެސް ކުއްޔާއި ޖޫރިމަނާ ނުދައްކާ ކަމަށްބުނެ ނިމިދިޔަ ސަރުކާރުން 2019 ވަނަ އަހަރު ވަނީ، ސްޓާރާޑާ ކުންފުންޏާއެކު އޮތް އެ އެއްބަސްވުން ބާތިލުކޮށްފައެވެ.
އެ ބިމަށް ސްޓްރާޑާ ކުންފުނިން ކުލީގެ ގޮތުގައި ދޭންޖެހޭ 1.1 މިލިއަން ރުފިޔާ ހޯދުމަށާއި ބިން ހުސްކުރުމަށް އަމުރަކަށް އެދި ދައުލަތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން 2019ވަނަ އަހަރު ވަނީ ބިން ހުސްކުރުމާ، ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ. އަދި އެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ދެއްކުމަށް އެއިރު ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ތާއީދުކުރިއެވެ.
އެ ހުކުމާ އެއްގޮތަށް އެ ކުންފުނިން ސަރުކާރަށް ބިން ހަވާލުކުރި ނަމަވެސް، ކުއްޔާއި ޖޫރިމަނާ ނުދައްކާތީ ތަންފީޒީ މައްސަލަ ފެށީ ސިވިލް ކޯޓުންނެވެ. ނަމަވެސް، އެ މައްސަލަ ދައުލަތުން އެދިގެން އިއްޔެ ބާތިލްކޮށްފައި ވާއިރު، ގަޞިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައި ވަނީ މި މައްސަލަ ދައުލަތުން އިތުރަށް މުރާޖާކުރަން ބޭނުން ނުވާތީއާއި ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތުލުކުރުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން ސިޓީއަކުން އެދިފައި ވާތީ، އެގޮތުގެ މައްޗަށް މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރީ ކަމަށެވެ.




